ސައުދި އަރަބިއްޔާގެ އިސްލާމިން މިނިސްޓްރީން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައުދި އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލު ކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އެވެ. ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި ކަދުރަކީ ސައުދީގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ މިނިސްޓްރީއަށް ހަދިޔާކުރި ކަދުރެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.

ސައުދީ އަރަބިއްޔާ އިން ދިވެހިންނަށް 50 ޓަނުގެ ކަދުރު މި އަހަރު ވެސް ހަދިޔާކުރަން ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތައް ދެ ގައުމު ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަހަރު ކަދުރު ބެހުން ލަސްވެފައިވާއިރު، އިސްލާމިކް މިނިސްޓަރާއި ރައީސް އޮފީހުން ހާއްސަ ފަރާތްތަކާއި ގާތް މީހުނަށް ކަދުރު ހަދިޔާ ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔާފަ އެވެ.