މިހާލަތުގައި ރާއްޖެއިން ބޭރުން މުދާ އެތެރެކުރާވަރަށް ރިޒާވްގައި ބޭރުފައިސާ އެބަހުރިކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
މެދުއިރުމަތީގެ މަޝްރަހްގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިވަނީ މީގެ ކުރިން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމަށެވެ. އެހެންކަމުން، ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ގާބިލްކަން މިހިނދަށް ލިބިފައިވާކަމަށް އެ ވުޒާރާއިން ފާހަގަކުރެ އެވެ.
ރިޒާވް އިތުރުވެފައި އޮތުމަކީ އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ލިބޭ ބޮޑު ބާރެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކޮށްފާނެ އަސަރުތައްވެސް ދަނީ ދިރާސާކުރަމުންނެވެ. ހާއްސަކޮށް ފަތުރުވެރިން އަންނަ މިންވަރަށާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށް މިނިސްޓްރީން އިސްކަންދެ އެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ، މި ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރޭވިފައިވާ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ އަރުވާފަ އެވެ.

އީރާނުގެ ސްކޫލަކަށް ހަމަލާދީ 53 ކުދިން މަރާލައިފި
ސުވާލާއި ޖަވާބު: ކޮންމެ ދުވަހަކަށް ވަކިން ނިޔަތް ގަންނަން ޖެހޭތަ؟
މި ގައުމުތަކުގައި ރޯދަ މަހުގެ ތަޖުރިބާ ވަރަށް ތަފާތު!