ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ކުންފުނި ކަމަށްވާ އެމްއެސްސީން، ގަލްފް ސަރަހައްދުގައި ދަތުރުކުރަމުންދާ އެ ކުންފުނީގެ ހުރިހާ އުޅަނދުތަކެއް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގައި، މެދުއިރުމައްޗަށް މުދާ އުފުލުމަށް ކުރާ ބުކިންތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
އެމްއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިވަގުތު ގަލްފް ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތަކާއި، އެ ސަރަހައްދަށް ދަތުރުކުރަމުންދާ އުޅަނދުތަކަށް، ވަކި ގޮތެއް އަންގަންދެން ކަނޑައެޅިފައިވާ ރައްކާތެރި ސަރަހައްދުތަކުގައި މަޑުކުރުމަށް އެމްއެސްސީން ވަނީ އަންގާފައި،" އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން އިތުރަށް ބުނިގޮތުގައި، ކުންފުނީގެ އެންމެ ބޮޑު އިސްކަމެއް ދެނީ އުޅަނދުތަކުގައި މަސައްކަތްކުރާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެސްސީން ބުނެފައިވެ އެވެ.
މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ރަނގަޅު ވިހާ އަވަހަކަށް އަލުން ބުކިންތައް ބަލައިގަންނަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން، މަސްރަހު އޮތް ގޮތުން މުދާ ބޭލުމަށް އެހެން ބަނދަރުތަކެއް ބޭނުންކުރަން ޖެހިއްޖެ ނަމަ، އެކަމުގެ ތަފްސީލުތައް ކަސްޓަމަރުންނަށް ހިއްސާކުރާނެ ކަމަށް ވެސް އެމްއެސްސީން ބުނެ އެވެ.

ސުވާލާއި ޖަވާބު: ކޮންމެ ދުވަހަކަށް ވަކިން ނިޔަތް ގަންނަން ޖެހޭތަ؟
އިންތިހާބުގައި ޑިމޮކްރެޓް ޕާޓީން ވާދަކުރާނީ ނުވަ ކެންޑިޑޭޓުން