އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އަސްކަރީ ކެމްޕެއިންގެ ނުވަ ވަނަ ދުވަހު، އިޒްރޭލުން ތެހެރާން ކައިރީގައި ހުރި ބޮޑެތި ތެޔޮ ރައްކާކުރާ ތަންތަނަށް ރޭ ވަރުގަދަ ހަމަލާތަކެއް ދީ އެގައުމު ސުންނާފަތި ކުރަމުންދާއިރު، އީރާނުން އިސް ލީޑަރު ކަނޑައެޅުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ބުނެފި އެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުން އިޒްރޭލުގެ މި ހަމަލާތަކާ ގުޅިގެން ތެހެރާންގެ އުދަރެހުގައި ކަޅު ދުންގަނޑު ފެތުރި، ރޭގަނޑު އޮރެންޖް ކުލައިގެ އަލިފާން ކުލަ އުދަރެހުން ފެންނަން ހުއްޓެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ މި ހަމަލާއަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި، "ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާ ދީގެން ނުރައްކާތެރި މާއްދާތައް ޖައްވަށް ބޭރުކޮށް، ޢާންމު ރައްޔިތުން ވިހަކޮށް، ތިމާވެށި ހަލާކުކޮށް، ފުރާނަތައް ނުރައްކަލަށް ހުށަހަޅަމުންދާ" ކަމަށެވެ. އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ނަދާވް ޝޯޝާނީ ބުނީ އެ ތެޔޮ ރައްކާކުރާ ތަންތަނަކީ ބެލިސްޓިކް މިސައިލްތަކުގެ ޕްރޮޕެލެންޓް އުފެއްދުމާއި ރައްކާކުރުމަށް ބޭނުންކުރާ ތަންތަން ކަމަށާއި، "އެއީ ޤާނޫނީ ގޮތުން ސައްޙަ އަސްކަރީ ޓާގެޓެއް" ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އީރާނުގެ ވެރިންނަށް "ރަޙުމެއް ނެތި" ހަމަލާ ދެމުން ގެންދާނެ ކަމަށާއި "ވެރިކަން ގުޑުވާލައި ބަދަލު ގެނައުމަށް ގިނަ ސަޕްރައިޒްތަކާ އެކު ރޭވިފައިވާ ޕްލޭނެއް އެބައޮތް" ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި ހަނގުރާމަ ނިންމުމަށް ވާހަކަ ދެއްކުމުގެ ޝައުޤެއް ނެތް ކަމަށެވެ.

އިއްޔެ އީރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދޭނެ ކަމަށް ބުނެފައިވީ ނަމަވެސް ގަލްފް ސަރަހައްދަށް ރެއާއި މިއަދުވެސް ހަމަލާތައް ވަނީ އަމާޒުވެފަ އެވެ. ސައޫދީ ޢަރަބިއްޔާ، ކުވައިތު، ޔޫއޭއީ އަދި ބަޙްރައިނުން ބުނީ އީރާނުގެ ޑްރޯން ހަމަލާތައް އެ ޤައުމުތަކަށް އަރާފައިވާ ކަމަށެވެ. ބަޙްރައިނުގެ ޑީސެލިނޭޝަން ޕްލާންޓަކަށް ގެއްލުން ލިބުނު އިރު، ކުވައިތުގެ ސަރުކާރު އިމާރާތެއްގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ކުވައިތުގެ ދެ އޮފިސަރަކު ވަނީ މަރުވެފަ އެވެ. ޔޫއޭއީން ބުނީ އެ ޤައުމަށް ފޮނުވާލި 16 ބެލިސްޓިކް މިސައިލާއި 113 ޑްރޯން ވައްޓާލި ކަމަށެވެ.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނައީ މި ހަނގުރާމައިގެ ކުރީކޮޅު އަވަހާރަކޮށްލުމާ ގުޅިގެން، އިސް ލީޑަރަކު ކަނޑައެޅުން ނިމުމަކާ ގާތަށް ވަނީ ގޮސްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޚާމަނައީގެ ދަރިކަލުން މުޖްތަބާ ޚާމަނައީ އާ ލީޑަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ޚާމަނައީގެ ބަދަލުގައި ކޮންމެ މީހަކު ވެރިކަމާ ހަވާލުވި ނަމަވެސް އެ މީހަކު މަރާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.