ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ވަރުބަލިވުމެއް ނެތި ޕީޕީއެމްއާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުމުކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ރޭ ގެކޮޅަށް ބަދަލުކުރުމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވީތީ ކަމާބެހޭ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަށް ހުކުމް ކޮށްފައިވަނީ ނުހައްގުން ކަމަށާއި އެ މަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިވުމެއް ނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ ނުހައްގުން ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ މާފުށީގައި ކޮވިޑް-19 ފެތުރެމުންދާއިރު، ޖަލު އޮފިސަރުން ވެސް ކޮވިޑު-19 އަށް ޕޮޒިޓިވް ވަމުންދާތީ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާއި އިދިކޮޅުން ފަރާތްތަކުން ވަނީ މުޒާހަރާ ކޮށްފަ އެވެ. އަދި އެ މަނިކުފާނު ގެއަށް ބަދަލުކުރާއެކު އެ މަނިކުފާނުގެ ސަޕޯޓަރުން އަންނަނީ އުފާފާޅުކުރަމުންނެވެ. އެގޮތުން ރައީސް ޔާމީން ރޭ ގެއަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު އެ ގެކޮޅު ބޭރުގައި މަރުހަބާ ކިޔުމަށް ތިއްބެވެ.

ދައުލަތުން އުފުލި މަނީ ލޯންޑަރިން ދައުވާ ސާބިތުވެ ރައީސް ޔާމީން ޖަލަށް ލެވުނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވުނު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ. އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.