މާލޭގެ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ތަޅާނުލައި، ތާރީހީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ބަންޑާރަ މިސްކިތަށް 100 އަހަރުވާން ވަނީ ކައިރިވެފަ އެވެ. އެ މިސްކިތް ތަޅާލައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާުޅުކުރަން ފެށުމުން އެކަމާ ގުޅިގެން މަޝްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހަށް އީ ޕެޓިޝަނެއް ހުށަހެޅީ އަންނަ ކައުންސިލް އިންތިހާބުގައި މާލޭގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރާ ހުސައިން ފުރުޝާނެވެ.

ފުރުޝާން މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅުއްވި ޕެޓިޝަނުގައި ބުނެފައިވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ޚާއްސަވެގެންދަނީ އިނގިރޭސި ހިމާޔަތުގެ އަޅުވެތިކަމަށް ދިޔުމާ އަދި އެ އަޅުވެތިކަމުން މިނިވަންވުމާ މި މިސްކިތާ ގިނަ މާނައެއްގައި ގުޅިފައިވާތީ ކަމަށެވެ. އަދި އިނގިރޭސި ހިމާޔަތަށް އޭގެ އެތައް އަހަރެއް ފަހުން ރާއްޖެ މިނިވަންވުމާ ގުޅިފައިވާ މުހިންމު ހުރިހާ ތަނެއް ނައްތާލެވިފައިވާ ކަމަށާއި އެ މުހިންމު ހަނދާނަކަށް ހަމައެކަނި ފެންނާން ހުރި ބިނާއަކީ މާލޭ ބަންޑާރަ މިސްކިތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.އެ

އެ ޕެޓިޝަން މަޖިލީހުގައި ކުރިއަށްގެންދާނީ ހަ ހަފްތާގެ ތެރޭގައި 500 ސޮއި ހަމަކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުންނެވެ.

އެ ޕެޓިޝަނަށް މަދުވެގެން 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނާނެއެވެ. އަދި 2100 ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގައި ބަހުސްކޮށް މައްސަލައެއް ގޮތުގައި ކުރިއަށްދާނެ އެވެ.