މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސްގެ މަންދޫބު ސްޓީވް ވިޓްކޮފް އީރާނާ ގުޅުއްވަން ކުރެއްވި މަސައްކަތަށް ނާކާމިޔާވުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ތެހެރާންގައި ހުންނަވާ އަލްޖަޒީރާގެ ބިއުރޯ ޗީފް ނޫރައްދީން އަލް ދަގީރު އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިޓްކޮފް ވަނީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާ ގުޅުއްވައި، ހަނގުރާމަ ހުއްޓާލުމަށް ތެހެރާނުން ބޭނުންވާ މިންވަރު ބެލުމަށް މަސައްކަތް ކުރައްވާފަ އެވެ.

ނަމަވެސް، އެ މަސްދަރުތަކުން ބުނާ ގޮތުގައި މި ވަގުތު އެމެރިކާއާއެކު އެފަދަ އެއްވެސް މުއާމަލާތެއް ކުރުމަށް އީރާނުން ޝައުގުވެރިކަމެއް ނެތެވެ. އަދި އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މި ވަގުތު ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާކަން އެހެން މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހަބަރާ ގުޅިގެން އީރާނުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެމެރިކާގެ މަންދޫބު އީރާނާ ގުޅަން މަސައްކަތް މިކުރެއްވީ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގަ އެވެ.