އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލާ ނަމަ މެދުއިރުމަތީގެ އެއްވެސް ތެލެއް ބޭރުކުރަން ފުރުސަތު ނުދޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.
ރޮއިޓާސް އިން ރިޕޯޓުކުރި ގޮތުގައި، އައިއާރުޖީސީގެ ތަރުޖަމާނަކު ވަނީ ޓްރަމްޕުގެ ވާހަކަތައް "ބޭކާރު ވާހަކަ" ގެ ގޮތުގައި ސިފަކޮށް، ހަނގުރާމަ ނިމޭނެ ގޮތް ކަނޑައަޅާނީ އީރާނުން ކަމަށް ބުނެފަ އެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރުމޫޒް ކަނޑުއޮޅިން ތެޔޮ ދައުރުވުން ހުއްޓުވައިފި ނަމަ މިހާރަށް ވުރެ 20 ގުނަ ވަރުގަދައަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ދުނިޔޭގެ ތެލުގެ ފަސް ބައިކުޅަ އެއް ބައި ދައުރުވާ ހޮރުމޫޒް ކަނޑުއޮޅި މިހާރު ވެސް ވަނީ ހަނގުރާމައިގެ ސަބަބުން ހަފުތާއަކަށް ވުރެ ގިނަ ދުވަހަށް ބަންދުވެ، ޓޭންކަރުތަކަށް ދަތުރު ނުކުރެވިފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓް ކުންފުނި ސައުދީ އެރެމްކޯ އިން ވަނީ ހަނގުރާމައިގެ ސަބަބުން ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރަމުން ދާނަމަ ދުނިޔޭގެ ތެލުގެ ބާޒާރަށް ވަރަށް ބޮޑަށް ލޮޅުން އަރާނެކަމުގެ އިންޒާރު ދީފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމަ އަވަހަށް ނިމިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަފާކުރެއްވުމާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު 7 އިންސައްތައަށް މިއަދު ވަނީ ވެއްޓިފަ އެވެ. މިއީ ތެޔޮ ސަޕްލައި ކުރުމަށް ކުރިމަތިވެދާނެ ބުރޫތަކާ މެދު އޮތް ކަންބޮޑުވުންތައް ކުޑަވުމުގެ ސަބަބުން އައި ބަދަލެކެވެ. މީގެ ކުރީގެ މުއާމަލާތްތަކުގައި ތެލުގެ އަގު ވަނީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އުފުލުނު އެންމެ މަތީ މިންވަރަށް އުފުލިފަ އެވެ.
މިއަދު ބްރެންޓް ކުރޫޑްގެ އަގު ފީފާއަކުން 6.79 ޑޮލަރު (ނުވަތަ 6.9 އިންސައްތަ) ދަށަށް ގޮސް، 92.17 ޑޮލަރަށް ތިރިވިއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ތެލުގެ އަގު ވަނީ 6.55 ޑޮލަރު (ނުވަތަ 6.9 އިންސައްތަ) ދަށްވެ، ފީފާއެއް 88.22 ޑޮލަރަށް ވެއްޓިފަ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ވިދާޅުވީ ތިން ބުރެއްގެ މަޝްވަރާ ކުރެވުނު ނަމަވެސް ހަމަލާ ދިނުމުން ދެން އެމެރިކާއާ ވާހަކަ ދެއްކުމުގެ ޝައުގެއް ނެތް ކަމަށެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި ހަމަލާތަކުގައި މިހާތަނަށް 1،332 އީރާނުގެ އާންމު ރައްޔިތުން މަރުވެ، އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށް އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވެފައިވެ އެވެ.

2030ގައި ދެ ރަމަޟާން މަސް ބައްދަލު ކުރާނެ!
ކަރަންޓު މަސައްކަތް ހަވާލުކުރީ ގޮތް ނޭނގޭ ފޭކް ބަޔަކާ: ނިޒާރު
ތެލުގެ ހަރަދު ކުޑަކުރުމަށް ބަންގްލަދޭޝްގެ ޔުނިވާސިޓީތައް ބަންދު