އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ މި ދަނޑިވަޅުގައި، ހޮރްމޫޒް ކަނޑުއޮޅިން އެއްވެސް މިންވަރަކަށް ތެޔޮ ބޭރުވިޔަ ނުދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފި އެވެ.
މި އިންޒާރާ އެކު އިރާނުން ބުނެފައިވަނީ އެ ސަރަހައްދުން އެންމެ ތެޔޮ ލީޓަރެއް ވެސް ބޭރުވިޔަ ނުދޭނެ ކަމަށެވެ.
އިރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސްގެ ހާތަމް އަލް-އަންބިޔާ ހެޑްކުއާޓާާސްގެ ތަރުޖަމާނު ބުދަ ދުވަހު ބުނީ، އެމެރިކާ ނުވަތަ އިޒްރޭލާ ގުޅުންހުރި ކޮންމެ އުޅަނދަކީ ހަމަލާ ދިނުމުގެ އަމާޒެއް ކަމަށެވެ. އަދި މި ހާލަތުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އަރާނެ ކަމަށް އުންމީދު ކުރުމަށް އޭނާ ވަނީ އިންޒާރު ދީފަ އެވެ.
"ތެލުގެ އަގު ބިނާވެފައިވަނީ ސަރަހައްދީ ސަލާމަތާ،" އިރާނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ބިރު ބޮޑުވެފައިވާއިރު، ތެލުގެ އަގުތައް މިހާރުވެސް ވަނީ އިންތިހާއަށް އުފުލެން ފަށާފަ އެވެ. ހަނގުރާމައާ ގުޅިގެން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް 120 ޑޮލަރަށް އުފުލިފަ އެވެ.
މި ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ ހަކަތައާ ބެހޭ އިދާރާ އިން ވަނީ ކުއްލި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެ އިދާރާގެ 32 މެންބަރު ގައުމަކުން ވަނީ އެ ގައުމުތަކުގެ ކުއްލި ރިޒާވްއިން 400 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް އެއްބަސްވެފަ އެވެ. މީގެ ތެރެއިން ޖަޕާނުން އެކަނި ވެސް 80 މިލިއަން ފީފާ ތެޔޮ ނެރުމަށް ނިންމާފައިވާއިރު، ޖަރުމަނާއި އޮސްޓްރިއާ އިން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ބުނެފަ އެވެ.
ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމަ މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ބުދަ ދުވަހު އެކަނި ވެސް އެ ސަރަހައްދުން ދަތުރުކުރި ތިން އުޅަނދަކަށް ވަނީ ހަމަލާދީފަ އެވެ. މީގެ ތެރޭގައި އޮމާންގެ އުތުރުން ދަތުރުކުރި ތައިލެންޑުގެ ބޯޓެއް ވެސް ހިމެނެ އެވެ. މިފަދަ ނުރައްކާތަކެއް ހުރި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުޅަނދުފަހަރު އެ ކަނޑުއޮޅިން ދަތުރުކުރުން ހުއްޓާނުލުމަށް ބާރުއަޅުއްވާފަ އެވެ.
މި ހަނގުރާމައިގެ ސަބަބުން އިންސާނީ އެހީއަށް ވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އދ. ގެ އެހީގެ ކަންކަމާ ބެހޭ ވެރިޔާ ޓޮމް ފްލެޗާ ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން އެފްރިކާގެ ގައުމުތަކަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ

އައްޑޫގެ ތަރައްގީއަށް އެހީވާން ބީއެމްއެލް ތައްޔާރު: ޝަރީފް
އީރާން ވޯލްޑް ކަޕުން ވަކިވުމުން ފީފާ ކަންބޮޑުވުމެއްގެ ތެރޭގައި!
މާލްތީ ފޮރުވައިގެން ގެންގުޅޭ ސަބަބު ޕްރިޔަންކާ ބުނެދީފި