ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މަތިންދާބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

މިއީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ފޯރަން ފެށިކަމުގެ ނިޝާނެކެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ޖެޓް ފިއުލްގެ އަގަށް ގެނައި ބަދަލާއެކު މިހާރު ލީޓަރެއް ވިއްކަނީ 1.69 ޑޮލަރަށް ކަމަށެވެ. މިއީ ކުރިން ވިއްކި އަގާ އަޅާބަލާއިރު 50 ސެންޓުގެ ބޮޑުވުމެކެވެ. މިއާއެކު ތެލުގެ އަގަށް ވަނީ ޖުމްލަ 42 ޕަސެންޓުގެ ބޮޑުވުމެއް އައިސްފަ އެވެ.

އެމްއޭސީއެލްއަށް ބޭނުންވާ ޖެޓް ފިއުލް ސަޕްލައިކޮށްދެނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ތެޔޮ އެތެރެކުރަނީ އޮމާންއިން ކަމަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް އުފުލުމުގެ ސަބަބުން ރާއްޖެއަށް ވެސް އޭގެ ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ. މީގެ އިތުރުން އެސްޓީއޯއިން ވިއްކާ ޑިސަލާއި ޕެޓްރޯލްގެ އަގު ވެސް ދާދި ފަހުން ވަނީ ބޮޑުކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާ އާއި ވައިގެ ދަތުރުފަތުގެ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، މި ދަނޑިވަޅުގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ އެއާލައިންތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމަކަށް ވެދާނެ ކަމެއް،" ކަމަށް ބުނެ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މި ބަދަލާއެކު އެއާލައިންތަކުގެ އޮޕަރޭޝަނަލް ހަރަދުތައް އިތުރުވެ، ކުރިއަށް އޮތް ތަނުގައި ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލުމުގެ ފުރުސަތު ބޮޑެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ތެޔޮ ގެނައުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، އިންޑިއާ ފަދަ އެހެން ގައުމުތަކުން ތެޔޮ އެތެރެކުރުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ސަރަހައްދީ ހަނގުރާމަތައް ކުރިއަށްދާނަމަ ކޮންމެ މަހަކު ދައުލަތުގެ އާމްދަނީއަށް 85 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ގެއްލުމެއް ލިބެމުންދާނެ އެވެ