ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު ރައީސް ޔާމީނާ މަޝްވަރާ ކުރައްވައި އެމަނިކުފާނުގެ ލަފާފުޅު ސަރުކާރުން ހޯއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ރާއްޖެ ގެނައި މަހާޖައްރާފުން އެމްޓީސީސީ އަށް 175 މިލިއަން އާމްދަނީއެއް ލިބުނުކަމާއި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކޮށްގެން ސަރުކާރަށް 100 މިލިއަން ޑޮލަރު ފައިދާއެއް ލިބުނު ހަބަރުތައް ހިއްސާ ކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ގެކޮޅުގައި ހުންނަވާ މި ވަގުތުގައި ގައުމު މިހާރު މިއޮތް ނާޒުރު ހާލަތުން އަރައިގަތުމަށް ސަރުކާރުން އެމަނިކުފާނުގެ ލަފާފުޅު ހޯދާނެ ކަމަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ގެކޮޅަށް ބަދަލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު އެވެ. ރައީސް ޔާމީން ގެއަށް ބަދަލުކުރީ މާފުށީގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާއިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގަ އެވެ.