ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަކޮށްގެން 2019 ގައި ގާއިމްކޮށްފައިވާ އެސްޑީއެފްސީ، މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލް އަށް ހަތް އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، ފާއިތުވެދިޔަ ހަތް އަހަރު ދުވަހުތެރޭ ރާއްޖޭގެ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާ ގޮތުގައި އެސްއެމްއީ ޑިޖިޓަލް އިން ހަރަކާތްތެރިވަމުން އަންނަ އިރު މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

2019ވަނަ އަހަރު ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ފެށި މި މުއައްސަސާއިން، މިހާރު ވަނީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. މިއީ ވިޔަފާރީތަކަށް އެކި މަރުހަލާތަކުގައި ބޭނުންވާ ފަދަ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ. މި މާލީ ނިޒާމަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުވުމަށްޓަކައި ގާއިމްކޮށްފައިވާ ފުރިހަމަ އިންތިޒާމެކެވެ.

އެސްއެމްއީ ޑިޖިޓަލްގެ ޕްރޮޑަކްޓްތައް ބައްޓަންކޮށް ފައިނޭންސް ފޯރުކޮށްދޭ ދާއިރާތަކަށް ބަލާއިރު؛

  • އަލަށް ފަށާ ވިޔަފާރިތަކާއި އަންހެން ވިޔަފާރިވެރިން
  • ހިނގަމުންދާ ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަ މާލީ އެހީތެރިކަން
  • ފަތުރުވެރިކަމާއި ގެސްޓްހައުސް ދާއިރާ އިތުރަށް ފުޅާކުރުން
  • ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރިކުރުމަށް ހިންގޭ ތަފާތު ސްކީމްތައް

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިން ފުރުސަތުތަކުގެ އެހީގައި އާ ހިޔާލުތައް އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެ ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ބޮޑެތި މަންފާތަކަށް ލިބިގެން ގޮސްފައި އެވެ. މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް، އެސްއެމްއީ ޑިޖިޓަލް އިން ވަނީ މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ހާއްސަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައި އެވެ.

އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ ހުރިހާ ސިނާއަތްތައް ހިމެނޭހެންކަމުން އެކި ދާއިރާތަކަށް ބޭނުންވާފަދަ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ. އެހެންކަމުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ކަނޑުއުޅަނދުފަހަރާއި މުދާ އުފުލާ ބޯޓުފަހަރު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެ އެވެ.

ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސާދަށް ބަލާއިރު، ކޮންޓެންޓް ކްރިއޭޓަރުންނާއި، ފޮޓޯގްރާފަރުން އަދި ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނާއި ޓެކްނޮލޮޖީ ހޯދުމަށްވެސް ފައިނޭންސިންގ ފޯރުކޮށްދެ އެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމުގައިވާއިރު، މިދާއިރާގައި ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް އިތުރަށް ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ދާދިފަހުން ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމާއި އަންހެންނުން އިސްވެ ހިންގާ ވިޔަފާރިތަކަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ތަފާތު އެކި މާލީ އެހީ ވަނީ ފޯރުކޮށްދީފައި އެވެ.

ކުންފުނީގެ މިހާރު އެންމެ އިސް އަމާޒަކީ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ، އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސިންގގެ ހިދުމަތްދޭ މުއައްސަސާއަކަށް ބަދަލުވުމެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ވޭތިވެދިޔަ 5 މަސް ދުވަސް ތެރޭގައި އިދާރާގެ ހުރިހާ ހިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކެއް ތައާރަފުކޮށްފައިވެއެވެ.

މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިން ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ފައިނޭންސިންގ އުސޫލަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފައިއެވެ.

"އެސްއެމްއީ ޑިޖިޓަލް އިން ފާއިތުވީ 7 އަހަރު ދުވަހު މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީ ވިޔަފާރިތަކާއި ގާތުން. އެގޮތުން 4000 އަށް ވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ ހައްލު ފޯރުކޮށްދީ އެ ވިޔަފާރިތަކުގެ ތަރައްގީގެ ބައިވެރިއެއް ގޮތުގައި ހަރަކާތްތެރިވީ ފަހުރުވެރިކަމާ އެކު،" އެސްއެއްމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި އެވެ.

"ނަތީޖާއެއްގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްގެ މާލީ އެހީއާ އެކު ގިނަ ދާއިރާތަކުން ވިޔަފާރީގެ އާ ފެށުންތަކެއް ފެށިއްޖެ. ޒުވާނުން ވިޔަފާރީގައި ހަރަކާތްތެރިވުމާއި އާމްދަނީ ހޯދޭނެ ގޮތްތަކެއް މަގުފަހިކޮށްދެވިއްޖެ. އަންހެނުންނަށް ހާއްސަކޮށްގެން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ސަބަބުން އަންހެނުންނަށް މާލީގޮތުން މިނިވަންކަން ލިބި އާއިލާތަކަށް ގަދަރުވެރި ދިރިއުޅުމެއް އުޅޭނެ މަގު ތަނަވަސްކޮށްދެވިއްޖެ. ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ރާއްޖޭގެ އިގްތިސާދުގައި ކުދި ވިޔަފާރީގެ ހިއްސާ ކުރިއަށް ވުރެ ބޮޑަށް އިތުރު ކޮށްދެވިއްޖެ"

އޭނާ ވިދާޅުވީ މުސްތަގުބަލާ މެދު އެ ބޭންކުން ކުރާ އުންމީދު ބޮޑު ކަމަށެވެ. އެ ބޭންކުގެ ހީވާގީ މުވައްޒަފުންގެ ބައިވެރިވުމާ އެކު ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށް، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް މުއައްސަސާއަށް ވުމަށް އެ ބޭންކުން އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.

ގައުމުގެ އިގްތިސާދު ފުޅާވަމުންދާ މި ދަނޑިވަޅުގައި، ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަކަމާއެކު އިގްތިސާދީ މަންފާ ލިބިދިނުމުގައި ކުންފުނިން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. ވިޔަފާރިވެރިންނަށް ބޭނުންވާ އެކި ބާވަތުގެ ފައިނޭންސިންގ ޕްރޮޑަކްޓްތައް ބަލައިލުމާއި، އެއަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މިހާރު އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދޭނެ އެވެ.