އިޒްރޭލާއި އެމެރިކާއިން އިރާގުގެ ސިޔާދަތަށް އަރައިގަނެ، އެ ގައުމުގެ ރަސްމީ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އެ ދެ ގައުމާ ދެކޮޅަށް ހަނގުރާމައަށް ނުކުތުމަށް އިރާގުން ރަސްމީކޮށް ނިންމައިފި އެވެ. މި ނިންމުން ނިންމާފައިވަނީ އިރާގުގެ އިސްތިގުލާލު ދިފާއުކުރުމުގެ މަގްސަދުގަ އެވެ.

އިރާގުގެ މަޖިލީހުން ނިންމާފައިވަނީ، އެ ގައުމުގެ ރަސްމީ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ "ހަޝްދުއްޝައުބީ" (ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް) ގެ މަރުކަޒުތަކަށް އަމާޒުކޮށް ދެވޭ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށެވެ.

"އަހަރެމެން މި ނިންމުން ނިންމީ އަހަރެމެންގެ ރަސްމީ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސްއަށް އަމާޒުކޮށްދޭ ހަމަލާތަކަށް ރައްދުދީ، އަމިއްލަ ނަފްސު ދިފާއުކުރުމަށް،" މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ނިންމުމުގެ ދަށުން، ހަނގުރާމަމަތީ ބޯޓުފަހަރާއި ޑްރޯން ބޭނުންކޮށްގެން އިރާގުގެ އަސްކަރީ މަރުކަޒުތަކަށާއި ސަލާމަތީ ފައުޖުތަކަށް ދޭ ހަމަލާތަކާ ކުރިމަތިލުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި އަމިއްލަ ނަފްސުގެ ދިފާއުގައި ހަނގުރާމައިގެ އުކުޅުތަކާއި ލިބެންހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން އެފަދަ ހަމަލާތައް ހުއްޓުވުމަށް ވެސް ވަނީ ނިންމާފަ އެވެ.

އިޒްރޭލާއި އެމެރިކާއިން ދަނީ ވައިގެ މަގުންނާއި އެހެނިހެން ގޮތްގޮތުން ހަޝްދުއްޝައުބީގެ މަރުކަޒުތަކަށް ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ކޮމާންޑަރުން ވަނީ ޝަހީދުވެފަ އެވެ. އެމެރިކާއާއި އިޒްރޭލުން ބުނާ ގޮތުގައި މި ކޮމާންޑަރުންނަކީ އީރާނަށް ވަފާތެރި ބައެކެވެ.

އިރާގުން މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކަށް ދެވޭ ހަމަލާތަކަކީ ގައުމުގެ ސިޔާދަތަށް އަރައިގަތުން ކަމަށް ބަލައި، އެކަން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.