ކުދި ވިޔަފާރިތަކަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހިންގުމުގެ ހަމަޖެހުން ދެމެހެއްޓުމަށް އަމާޒުކޮށް، އެސްއެމްއީ ޑިޖިޓަލްއިން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ވޯކިން ކެޕިޓަލް ފައިނޭންސިން" އިފްތިތާހުކޮށްފި އެވެ.
އަލަށް ތައާރަފުކުރި ވޯކިން ކެޕިޓަލް ފައިނޭންސިން ފެސިލިޓީއަކީ ވިޔަފާރިތަކުގެ ކޭޝް ފްލޯ މެނޭޖްކުރުމަށާއި، މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި ފެސިލިޓީގެ ދަށުން 2,000,000 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރާއިރު، ރަހުނަކާ ނުލައި 1,000,000 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ކަމަށެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން 6 މަސްވެފައިވާ ވިޔަފާރިތަކަށް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެ އެވެ.
މި ޕްރޮޑަކްޓް އިފްތިތާހު ކުރަމަށް ބޭއްވި ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއިއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ވިޔަފާރިތައް މެދުނުކެނޑި ކުރިއަށް ދިއުމަށް ހަމައެކަނި ބޭނުންވަނީ އިންވެސްޓްމަންޓް ފައިނޭންސިން ނޫންކަން ދެނެގަނެވިފައިވާ ކަމަށެވެ.
"އެސްއެމްއީ ޑިޖިޓަލްއަށް ހުށަހަޅާ ގިނަ ފަރާތްތަކަކީ ކުރު މުއްދަތުގެ ކޭޝްފްލޯގެ ދަތިތަކުން ސަލާމަތްވުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް. ވޯކިންގ ކެޕިޓަލް ފައިނޭންސިންގ ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތައް ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުން. އެހެންކަމުން، މިއަދު ތައާރަފުކުރި މި ލުއި ފައިނޭންސިންގގެ ސަބަބުން ވިޔަފާރިތަކަށް އެމީހުންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މި ޕްރޮޑަކްޓް ތައާރަފުކޮށްފައި ވަނީ މާޗު 27 އިން 29 އަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ކުޅުދުއްފުށި ސިޓީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އެ ރަށުގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ރަށުގެ މުޖުތަމައުއާ އޮންނަ ގުޅުން ވަނީ ބަދަހިކޮށްފަ އެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރި މާލީ ފުރުސަތުތަކާ ގުޅޭގޮތުންނާއި ފައިނޭންސަށް އެދެން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މި ދަތުރުގެ ތެރެއިން، މާޗު 27 ވަނަ ދުވަހު ކުޅުދުއްފުށީގައި "ސޭލްސް އެންގޭޖްމަންޓް" އިވެންޓެއް ބާއްވައި، މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކުގެ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝްން ހުށަހެޅުމުގައި އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، މާޗު 28 ވަނަ ދުވަހު އެ ރަށުގެ ހޮނިހިރު ބާޒާރަށް ޒިޔާރަތްކޮށް، ވިޔަފާރިތަކަށް ހުރި މާލީ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި ރަށުގެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެސްއެމްއީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ވެސް ވަނީ އޮޅުންފިލުވާފަ އެވެ.
ވޯކިންގ ކެޕިޓަލް ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައި އެވެ.
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ
