ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ދީފި އެވެ.

ބީއެމްއެލް އިން ބުނީ ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މި ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާއެކު ސާބިތުވެ ތިބުމަށް ކަމަށެވެ.

"ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ، އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ، މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދޭ،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައިވެސް ހާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލަމުންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، މި ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ދެ އެވެ.