ެހ

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ސްކީމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައިވާ ކެޓެގަރީން ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިއީ މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 7،900 ފުލެޓުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވުނު ފުރުސަތެކެވެ.

100 ފުލެޓު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްސަރުކާރުން މާލޭ ސަރަހައްދުން ދޫކުރާ 7،900 ފުލެޓުގެ ތެރެއިން 100 ފުލެޓު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައެވެ. ހައުސިން މިނިސްޓްރީން މިހާރު ވަނީ މި ކެޓަގަރީއަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އަމަލުކުރާނެ އުސޫލުތަކާއި ޕޮއިންޓު ދޭނެ ގޮތް އާންމުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓެގަރީގެ ދަށުން ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. މި ފުރުސަތުގައި ފޯމު ހުށަހަޅަން ޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.

ޝަރުތުތަކާއި އިސްކަންދޭ އުސޫލު

މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. މީގެ އިތުރުން، ދިރިއުޅޭ ސަރަހައްދުން އެކަށީގެންވާ ފަރުވާ ލިބެން ނެތް މީހުންނާއި، އާއިލާގެ މާލީ ހާލަތު ހުރި ގޮތުން މާލޭ ސަރަހައްދުގައި ދިރިއުޅެވެން ނެތް ފަރާތްތަކަށް ވެސް ފޯމު ހުށަހެޅޭނެ އެވެ. އަދި މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށްވެފައި، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ފަރުވާ ހޯދާފައިވާ ފަރާތްތަކަށް ވެސް މި ސްކީމުގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.