އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަނެއްކާވެސް އިންޒާރު ދެއްވައި، އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ދެ ދުވަހުގެ މުހުލަތެއް އޮތް ކަމަށް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު 'ޓްރުތު ސޯޝަލް' ގައި ޓްރަމްޕް ކުރެއްވި ކުރު ޕޯސްޓެއްގައި، އީރާނަށް ވެއްޓުނު އެފް-15 ފައިޓާ ޖެޓުން ފުންމާލި ކަމަށް ބެލެވޭ އެމެރިކާގެ ޕައިލެޓް ހޯދުމަށް ކުރިއަށްދާ މަސައްކަތާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކަށްފަހު، މިފަދަ ބޯޓެއް ވައްޓާލިކަމުގެ ޒިންމާ އީރާނުން ވަނީ އުފުލާފަ އެވެ.
މީގެ އިތުރުން، ހުކުރު ދުވަހު ހޮރްމުޒް ކަނޑުއޮޅި ކައިރިން އޭ-10 ވޯޓްހޮގް މަރުކާގެ ބޯޓެއް ވައްޓާލި ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ. މިއީ އީރާނުގެ ވައިގެ ސަރަހައްދު އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް ޓްރަމްޕް ކުރިން ވިދާޅުވި ވާހަކަފުޅާ މެދު ސުވާލު އުފެދޭ ކަމެކެވެ.
މި ފަހުގެ ހާދިސާތަކަށް އިޝާރާތް ކުރެއްވުމުގެ ބަދަލުގައި، ޓްރަމްޕްގެ ޕޯސްޓް ބިނާކުރައްވާފައިވަނީ މާރިޗު 26 ގައި އޭނާ އިއުލާނު ކުރެއްވި 10 ދުވަހުގެ މުހުލަތަށެވެ. އެ މުހުލަތުގައި އީރާނުން ހޮރްމުޒް ކަނޑުއޮޅި ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލަން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ އެ ގައުމުގެ ހަކަތަ އުފައްދާ މަރުކަޒުތައް ސުންނާފަތި ކުރާނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ. އެ މުހުލަތު ހަމަވާނީ އަންނަ ހޯމަ ދުވަހަށެވެ.
ޓްރަމްޕްގެ މި ޕޯސްޓަށް ރައްދު ދެއްވަމުން އީރާނުގެ އަސްކަރިއްޔާގެ ޖެނެރަލް އަލީ އަބްދުﷲ އަލިއާބާދީ ވިދާޅުވީ، މިއީ ގޮތް ހުސްވެފައިވާ، ނުތަނަވަސް އަދި ބުއްދި ހަމަނުޖެހޭ މީހެއްގެ މޮޔަ އަމަލެއް ކަމަށެވެ. އަދި މި މެސެޖުގެ ސާދާ މާނައަކީ "ނަރަކައިގެ ދޮރުތައް ހުޅުވޭނީ ތިޔަބައިމީހުންނަށް" ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަޑުޖެހިފައިވާ މަޝްވަރާތައް
އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި، ތެޔޮ ވަޅުތަކާއި، ފެން އުފައްދާ ނިޒާމުތަކަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް މި ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ. ބުދަ ދުވަހު ގައުމާ މުހާތަބު ކުރައްވަމުން އޭނާ ވަނީ އީރާނު އިހުގެ އާސާރީ ޒަމާނަށް ފޮނުވާލާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.
މިދިޔަ ހަފްތާގައި ބައިނަލްއަގުވާމީ ގާނޫނީ މާހިރުންގެ 100 އަށްވުރެ ގިނަ ބޭފުޅުން ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި، އާންމު އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުމަކީ ޖެނީވާ ކޮންވެންޝަނާ ހިލާފު، ހަނގުރާމައިގެ ކުށެއް ކަމަށް ވަނީ އިންޒާރު ދެއްވާފަ އެވެ.
އަނެއްކޮޅުން، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކާ މެދު ދެ ގައުމުން ދެނީ އިދިކޮޅު މައުލޫމާތުތަކެކެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އެމެރިކާއިން ހުށަހެޅި ހަމަނުޖެހޭ 15 ނުކުތާގެ ޕްލޭން އީރާނުން ދެކޮޅު ހެދި ނަމަވެސް، ޑިޕްލޮމެޓިކް މަގުން ކުރިއަށް ދިއުމަށް ތައްޔާރަށް އޮތް ކަމަށެވެ. އެމެރިކާއިން ބުނަނީ ހޮރްމުޒް ކަނޑުއޮޅީގެ މިނިވަންކަން ދޫކޮށްލުމަށް އީރާނުން ދެކޮޅުހެދުމަކީ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކަމަށެވެ.
ވައްޓާލި ބޯޓުގެ ޕައިލެޓާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނެތް
ގެއްލިފައިވާ ޕައިލެޓާ ބެހޭގޮތުން ޓްރަމްޕް އާންމުކޮށް ވާހަކަ ނުދެއްކެވި ނަމަވެސް، އެ ހާދިސާގެ ސަބަބުން މަޝްވަރާތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި ކަމަށް އެންބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވެ އެވެ.
އެހެންނަމަވެސް، މާހިރުން އިންޒާރު ދޭ ގޮތުގައި އެ ޕައިލެޓް އީރާނުގެ ބެލުމުގެ ދަށަށް ގޮސްފިނަމަ، އެއީ ވޮޝިންޓަނަށް ކުރިމަތިވާނެ ބޮޑު ކްރައިސިސްއަކަށް ވާނެ އެވެ. އަދި މިއީ އީރާނުގެ ވައިގެ ސަރަހައްދު ކޮންޓްރޯލް ކުރާ ކަމަށް އެމެރިކާއިން ބުނާ ބުނުމަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށްވެސް މާހިރުން ފާހަގަކުރެ އެވެ. ކިންގްސް ކޮލެޖް ލަންޑަންގެ ރިސާޗަރެއް ކަމަށްވާ މަރީނާ މިރޯން ވިދާޅުވި ގޮތުގައި، އީރާނަށް އަދިވެސް އެމެރިކާގެ ބޯޓުތައް ވައްޓާލުމުގެ ގާބިލްކަން އެބަހުއްޓެވެ. ޕައިލެޓް ހޯދުމަށް ކުރާ ކޮންމެ މަސައްކަތެއްގައި އެމެރިކާގެ އިތުރު ސިފައިންގެ ފުރާނައަށް ނުރައްކާވެ، ހަނގުރާމަ އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހިތުގެ ސާޖަރީގެ ކުރިން ސަލްމާންއާއެކު ދެ ގަޑިއިރުގެ ފޯނެއް!
ދިރާގުން މުވައްޒަފުންގެ އަގުވަޒަންކޮށްފި