ރައީސް މުއިއްޒު އިއްޔެ ބޭއްވި އިންތިހާބުން ބަލިވި ސަބަބުތައް ވަރަށް ބައިވަރު. އެންމެ ބޮޑު އެއް ސަބަބަކީ ގާނޫނު އަސާސީއަކީ ތިމަންނާ ކަމަށް ދެކި ރަސްކަލެއް ހެން އުޅެން ފެށުން. ހުރިހާ ބާރެއް އަތަށް މަހާލައި ގާނޫނު އަސާސީ ކުޅެ، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނަގައި ކޯޓުތަކަށް އަތް ބާނާއި ހުކުމްތައް ނެރެ ހެދުމުގެ ނަތީޖާއަކީ މި އިންތިހާބުން ހުތުރު ގޮތަކަށް ބަލިވުން.

މިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ނަމުގައި ވާދަކުރަން ރައީސް މުހައްމަދު މުއިއްޒު ޕާޓީގެ ޓިކެޓް ހޯދި ގޮތް އެންމެނަށް އެނގެ އެވެ. އޭގެ ފަހުން އެ އިންތިހާބު ކާމިޔާބުވުމުން ރައީސް އަބްދުﷲ ޔާމީނާ މެދު ކަންތައް ކުރެއްވި ގޮތް ވެސް ފެނުނެވެ. ވެރިކަން ލިބުމުން އެންމެ އަރިހުގައި ގެންގުޅެން ފެށި ގިނަ މީހުންނަކީ ރައީސް ޔާމީނާގެ ސިޔާސީ އަދުއްވުނެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ބޭނުންކުރި ހުސް ގޮނޑި މަތިން ވެސް ހަނދާން ނައްތާލީ އެވެ. ދެން ފެށީ ރައީސް ޔާމީންގެ ސިޔާސީ ކެރިއަރު ފުނޑާލުމަށެވެ. ގޯސްވީ އެ ހިސާބުންނެވެ.

ރައީސް މުއިއްޒުއަށް ނޭނގުނު އެއް ކަމަކީ ސިޔާސީ ގޮތުން ބަލާއިރު އޭނާއަކީ އެއްވެސް އުރައްޕެއް ނެތް މީހެއް ކަމެވެ. ސިޔާސީ ބާރުވެރިކަމެއް ވެސް ނެތެވެ. އަދި ބަޔަކު ދަންނަ މީހެއް ވެސް ނޫނެވެ. އޭނާއަށް ވެރިކަމާއި އެހުރިހާ މޮޅެއް ލިބުނީ ރައީސް ޔާމީންގެ ސަބަބުން ކަމެވެ. އެހެންވެ އެކަން އޭނާއަށް ކާމިޔާބުވާނެ ގޮތެއް ފެންނާކަށް ނެތެވެ. މީގެ އެއް ހެއްކަކީ އިއްޔެ ބޭއްވި އިންތިހާބުން ބަލި ބަލިވުމަކީ ދުވަހަކު ވެސް ރާއްޖޭގައި ރައީސަކަށް ހުރި މީހަކަށް ލިބުނު ނަތީޖާއެއް ނޫން ކަމެވެ. ދެން މި ގައުމުގައި އޮންނަ ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރިޔަސް މިއަށް ވުރެ ހުތުރުކޮށް އޭނާ ބަލިވާނެ އެވެ.

މުއިއްޒު މާލޭގެ މޭޔަރަކަށް އުޅުނު ދުވަސްވަރު އަރިހުގައި ގެންގުޅުނު ޓީމު ފަހަތަށް ލައިގެން ނޫސްވެރިންނާ ވާހަކަދައްކަނީ. މި ޓީމުގެ ގިނަ މީހުންނަކީ މުއިއްޒު އަންގާ ގޮތަށް ޖަރީމާތައް ހިންގައިދޭ މީހުން.

ރައީސް މުއިއްޒު އިއްޔެ ބޭއްވި އިންތިހާބުން ބަލިވި ސަބަބުތައް ވަރަށް ބައިވަރެވެ. އެންމެ ބޮޑު އެއް ސަބަބަކީ ގާނޫނު އަސާސީއަކީ ތިމަންނާ ކަމަށް ދެކި ރަސްކަލެއް ހެން އުޅެން ފެށުމެވެ. ހުރިހާ ބާރެއް އަތަށް މަހާލައި ގާނޫނު އަސާސީ ކުޅެ، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނަގައި ކޯޓުތަކަށް އަތް ބާނާއި ހުކުމްތައް ނެރެ ހެދުމުގެ ނަތީޖާއަކީ މި އިންތިހާބުން ހުތުރު ގޮތަކަށް ބަލިވުމެވެ. ހަގީގަތަކީ މުއިއްޒު ބޭނުން ވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭން ނޫން ކަމެވެ. އޭނާގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ އައުވާނުން ލައްވައި މި ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ޚަނާޒާ ދޮވެލުމެވެ.

މުއިއްޒުގެ ކެބިނެޓަށް މީހުންގެ ހާލަތު

ވެރިކަން ލިބުމާއެކު މުއިއްޒު ވިދާޅުވީ ތިމަންނަގެ ކެބިނެޓަށް ގެންނާނީ ތިމަންނަ ބުނާ ގޮތް ހަދާ މީހުން ކަމަށެވެ. އެހެންވެ ކެބިނެޓަށް ވެސް ގެނައި ގިނަ ބަޔަކީ ސިޔާސީ ގޮތުން އެއްވެސް އުރައްޕެއް ނެތް، އެވަރުގެ ޒިންމާއެއް އުފުލުމުގެ ގާބިލްކަން ނެތް މީހުންނެވެ. މީގެ ތެރޭގައި މައުމޫންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު މިނިސްޓަރުކަން ލައްވާލި އަލީ ހައިދަރާއި ސްޕޯޓްސް އިންޖަރީ ތެރެޕިސްޓަކަށް އުޅުނު އަބްދުﷲ ރާފިއު (ރާއްޕެ) އާއި މިހާރުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މަރިޔަމް މާރިޔާ އާއި ތޮއްޑޫ އާދަމް ނަސީރާއި ކެޕްޓަން މުހައްމަދު އަމީނާއި ޓީވީ ޕްރެޒެންޓަރަކަށް އުޅުނު ދެއްވަދޫ އިބްރާހިމް ވަހީދު (އަސްވާޑު) އާއި އެޑިއުކޭޝަން މިނިސްޓަރަކަށް ގެނައި ގައްދޫ އިސްމާއިލް ޝަފީއު އާއި މުއިއްޒު ކައިރީގައި ހައުސިން މިނިސްޓްރީގައި އުޅުނު މާތޮޑާ އަބްދުﷲ މުއްތޮލިބު އާއި ނިލަންދޫ އަބްދުﷲ ހަލީލު ހިމެނެ އެވެ. ހަގީގަތުގައި މުޅި ސަރުކާރު ކުރިޔަށް ނުކަނޑަނީ ވެސް މިފަދަ ނާގާބިލް މީހުންނާ ހެދި އެވެ.

ކެބިނެޓް ބައްދަލުވުމެއްގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު ސައީދަކީ ރޯނު އެދުރެއް

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރަކަށް ލާފައި ހުރި ތުރާކުނު މުހައްމަދު ސައީދަކީ ހަގީގަތުގައި ވެސް ރޯނު އެދުރެކެވެ. ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަން ދުވަސްކޮޅު ކުރެވުމުން އޭނާ ހެދިގެން އުޅުނީ އެއީ އިންޑިއާއަށް އުފަން ޕްރޮފެސަރު އަމަރުތިޔާ ސެން ފަދަ މީހަކަށެވެ. އެކަމަކު މި ސައީދަކީ ރަސްމީ އެއްވެސް ތައުލީމެއް ނެތް އަދި ބައިނަލްއަގުވާމީ ޔުނިވާސިޓީއަކަށް ގޮސްގެން ތައުލީމެއް ހޯދި މީހެއް ނޫނެވެ. މީނާއަށް ސިޔާސީ ގޮތުން ލިބުނު ކުރިއެރުމެއް ލިބުނީ ޖުމްހޫރީ ޕާޓީއާއެކު ހެދި ކޯލިޝަންގެ ތެރެއިން ރައީސް ޔާމީންގެ ކެބިނެޓުން ދިން ފުރުސަތަކާ ހެދި އެވެ. އޭނާއަކީ ގައުމު މިހާރު އިގްތިސޯދީ ގޮތުން ވެއްޓިފައި މިއޮތް އަނދަވަޅުން ނެގޭވަރު ގާބިލްކަމެއް ހުރި މީހެއް ނޫނެވެ.

އޭޕްރިލް 13، 2025 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ބައިވެރިވަނީ. ފޮޓޯ: ރައީސް

ވަގު ޑީލްތައް ހެދުމުގެ އަޑީގައި ފިނޭންސް މިނިސްޓަރު ޒަމީރު

މުއިއްޒުގެ ކެބިނެޓްގައި ހުރި އެންމެ ހިޔަޅު އެއް ވަޒީރަކީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސިޔާސީ ކަންކަމުން ފިލައިގެން އުޅުމަށް ފަހު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުއްލިއަކަށް ފާޅުވި ޒަމީރަކީ މިފަހަކަށް އައިސް ހުރިހާ ވަގު ޑީލެއް ހެދުމުގެ އަޑީގައި ހުރި މީހާ އެވެ. ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެމްއޭސީއެލްއަށް ޒަމީރުގެ ރަހުމަތްތެރިޔާ އިބްރާހިމް ޝަރީފު އައްޔަންކޮށް މުޅި ކުންފުނި ދަނީ ދަވާލަމުންނެވެ. އޭގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް އައްޔަންކޮށްފައި ތިބި ގިނަ މީހުންނަކީ ޒަމީރުގެ ގާތް ރަހުމަތްތެރިންނާއި އެ މީހުންގެ އާއިލާ މީހުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ހުޅުމާލެ ހިންގާ އެޗްޑީސީ ތެރެއިިން ހިންގާ ހުރިހާ ޖަރީމާއެއްގެ އަޑީގައި ވެސް ހުރީ ޒަމީރެވެ. އެ ކުންފުނީގެ ބޯޑުގައި ގިނައިން ތިބީ ޒަމީރުގެ ގާތް މީހުންނެވެ.

ޣައްސާނާއި ޝިޔާމް އަދި އާދަމް ޝަރީފު ކެބިނެޓުން ބާކީކޮށްފައި

ރައީސް ޔާމީންގެ މާ އަރިސް ބަޔަކަށް ހެދިގެން އުޅުނު ޣައްސާން މައުމޫނާއި ނައިފަރު އަހުމަދު ޝިޔާމް އާއި އާދަމް ޝަރީފަށް ރައީސް މުއިއްޒު އެއްވެސް އިތުބާރެއް ނުކުރާ ކަމަށް އެ މީހުންގެ ގާތް މީހުން ބުނެ އެވެ. މިހެންވެ އެ ތިން މީހުން ތިބީ ސަރުކާރުގެ ތެރެއިންނާއި ޕާޓީގެ ތެރެއިން ވެސް ބާކީކޮށްފަ އެވެ. އެ ތިން މީހުން ބާކީ ކުރި އެންމެ ބޮޑު ސަބަބަކީ މާދަމާ ވެސް ރައީސް ޔާމީނާ ގުޅިގެން މުއިއްޒުއަށް ދޯކާ ދޭނެ ކަމުގެ ބިރު އޮތުމުންނެވެ. އެކަމަކު ހަގީގަތަކީ އެ ތިން މީހުންނަކީ މިހާރު ރައީސް ޔާމީނަށް މުހިންމު ބައެއް ނޫންކަން މުއިއްޒުއަށް ނޭނގޭތީ އެވެ.

އޭޕްރިލް 13، 2025 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ބައިވެރިވަނީ. ފޮޓޯ: ރައީސް

މުއިއްޒުގެ ހުރިހާ އިތުބާރެއް މޭމަތި ފުޅާކޮށްފައި އުޅޭ އުޝާމް އާއި އިހުސާނަށް

މި ސަރުކާރުގައި މުއިއްޒު އެންމެ އިތުބާރުކުރާ ތިބީ ތިން ހަތަރު ވަޒީރެކެވެ. އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އެމްއެންޑީއެފްގައި ކުރިން އުޅުނު އަލީ އިހުސާނެވެ. އެކަމަކު މުއިއްޒުއަށް ނޭނގޭ ކަމަކީ މި ދެ މީހުންނަކީ ގަދަބަސް ބުނެ އުޅުނަސް ސިޔާސީ ގޮތުން މާބޮޑު ތަޖުރިބާއެއް ލިބިގެން އެއްކަމެއް ވެސް ކުރެވޭނެ ބައެއް ނޫން ކަމެވެ. އެކަން އެނގޭ އެއް ކަމަކީ އުޝާމްގެ ލަފާގެ މަތިން އައްޑޫގައި ނެގި ރިފަރެންޑަމްގައި އިހުސާން މެން ހުތުރު ގޮތަކަށް ބަލިވުމެވެ. އޭގެ ފަހުން އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފޭދޫ އިން އިހުސާން މެން ނެރުނު މީހުން ވަނީ ހުތުރު ގޮތަކަށް ބަލިވެފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ޕީއެންސީއަށް ވަގު ފޯމްތައް ހަވާލުކުރަނީ.

ގިނަ ކުންފުނިތަކުންގެ ވެރިން ވައްކަން ކުރަނީ

މި ސަރުކާރުގެ ވަކި ކުންފުންޏެއް ކިޔާނެ ކަމެއް ނެތެވެ. އެސްޓީއޯއެއް އެމްއޭސީއެލްއެއް އެޗްޑީސީއެއް ވެމްކޯއެއް އެމްޑަބްލިއުއެސްސީއެއް ފެނަކައެއް ތަފާތެއް ނެތެވެ. އެ ކުންފުނިތަކުގެ ވެރިންނަށް ހީވެގެން އުޅެނީ ލިބިގެން މި އުޅެނީ ތެޔޮ ވަޅުތަކެއް ހެންނެވެ. އެ މީހަކު ޖެހުނުތަނަކުން ވައްކަން ކުރަނީ އެވެ. އެވެސް ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕޭނަށް ހަރަދު ކުރަން ބައި އަޅާ ގޮތަށެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ބައްދަލުވުމެއްގައި ވާހަކަދައްކަނީ. ފޮޓޯ: އެމްއޭސީއެލް

މި ސަރުކާރުގައި މިހާރު އެންމެ ބޮޑު ވައްކަންތައް ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް ތެރެއިންނެވެ. އެ ކުންފުނީގެ ތެރެެއިން ހިންގާ ޖަރީމާތައް އުޅެނީ މިލިއަނުންނެވެ. މެނޭޖިން ޑިރެކްޓަރު ޝަރީފާއި ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ރެއާއި ދުވާލު ހިންގާ ޖަރީމާތަކަށް މުއިއްޒު ދެނީ ބީރު ކަންފަތެކެވެ.

އެމްއޭސީއެލް ތެރެއިން ހިންގާ ޖަރީމާތަކުގެ ވާހަކަ އެ ކުންފުނީގެ އާދައިގެ ވެރިން ދަނީ ދައްކަމުންނެވެ. މީގެ އިތުރުން އެޗްޑީސީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އާއި ޑީއެމްޑީ މުހައްމަދު އަސްބާހު އެ ކުންފުނީގެ ތެރޭގައި ހިންގާ ޖަރީމާތައް އެންމެނަށް އެނގެ އެވެ. ހުޅުމާލޭގެ މަގުމަތިން ޕާކިން ލޮޓް ވިއްކާލައިގެން ކަޓު ނެގުމާއި ބޮޑެތި ބިންތައް ނުއަގުގައި ޑިވެލޮޕަރުންނަށް ބަހަމުންދާކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެވެ. ނަމަވެސް އެއިން ވެސް ދެނެހުރި ކަމަށް ވެސް މުއިއްޒު ނުހަދަ އެވެ.

މި ސަރުކާރުގެ ކެމްޕޭންތަކަށް އެންމެ ބޮޑަށް އެހީތެރިވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެ ކުންފުނީގެ އޭޖީއެމްއަކަށް ވަންނަނީ. ފޮޓޯ: އެސްޓީއޯ

މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އަނގައި ނުބުނެ އިިނދެ އެންމެ ގިނަ ޖަރީމާތައް ހިންގާ އެކަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ދެއްވަދޫ ޝިމާދު އެސްޓީއޯއަށް ދެމިގަތީ އެމްޑީޕީ ސަރުކާރުގަ އެވެ. އޭރު އެސްޓީއޯގެ ބޯޑަށް ވަދެ އެ ކުންފުނި ރަނގަޅަށް ދަސްކޮށް، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މުއިއްޒުއަށް ފިލިޖަހައިގެން ވެރިކަން ލިބުމުން ހޯދީ އެސްޓީއޯގެ އެމްޑީގެ މަގާމެވެ.

މި ސަރުކާރުން ހިންގާ ކެމްޕޭންތަކަށް އެންމެ ބޮޑަށް ފަންޑުކުރާ އެކަކަކީ ޝިމާދު ކަމަށްވެ އެވެ. އެ ކެމްޕޭންތަކަށް ލާރި ނެރެނީ ކޮންތަނަކުން ކިހިނެތްކަން އެންމެނަށް ވެސް އެނގެ އެވެ.

ހުޅުމާލޭގެ މަގުތައް ހެދުމަށް ރޮޓައިމް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

މި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ވެރިން ހާލަތަކީ މިއީ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް މުއިއްޒު ދެނެހުރި ކަމަކަށް ވެސް ނުހަދަ އެވެ. އެ ކުންފުނިތަކުގެ ވެރިން ދަނީ މުއިއްޒު އެންގި މިންވަރަކަށް ކެމްޕޭންތަކަށް ފައިސާ ހޯދައިދީ އަދި މަގާމުތައް އުފައްދައި މަގާމުތައް ބަހައި ޕްރޮމޯޝަންތައް އުކަމުންނެވެ.

ކުރިޔަށް އޮތީ މި ސަރުކާރަށް ފަސޭހަ ދުވަސްތަކެއް ނޫނެވެ. މި ސަރުކާރު ނިމިގެންދާނީ ވެސް ފެށުނު ގޮތަށް ހުތުރު ލަދަކާއެކު އެވެ. އެކަން ފެންނަން މާގިނަ ދުވަހެއް ނަގާނެ ކަމަށް ނުބެލެވެ އެވެ.