ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމްގެ ދާއިރާގައި ހިމެނޭ ގިނަ ރަށްރަށުން، ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދު ކުޑަކަން ވަގުތީ ނަތީޖާތަކުން ހާމަވެއްޖެ އެވެ. އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދާއިރާގެ ފަސް ރަށުގެ ތެރެއިން ތިން ރަށެއްގެ މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ދިއްގަރު: ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް

ދިއްގަރު ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ދިއްގަރުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި އެމްޑީޕީގެ އަހުމަދު ނިޝާން ވަނީ 552 ވޯޓު (%61) ހޯއްދަވައި، ޕީއެންސީގެ ކެންޑިޑޭޓް ބަލިކުރައްވާފަ އެވެ. އަންހެނުންނަށް ހާއްސަ ގޮނޑި އެމްޑީޕީގެ އައިޝަތު ރީމާ ކާމިޔާބުކުރެއްވިއިރު، ދެން އިން ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ އަބްދުﷲ އާރިފެވެ.

މަޑުއްވަރީ އަދި ވޭވަށް:

އެމްޑީޕީގެ ކުރިލިބުންމަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި 222 ވޯޓާއެކު އެމްޑީޕީގެ އިބްރާހީމް އަސްލަމް އަލީ ކާމިޔާބުކުރެއްވިއިރު، އެ ރަށުގެ އަނެއް ގޮނޑީގައިވެސް ކުރި ހޯދަމުންދަނީ އެމްޑީޕީގެ ހަލީމް އަލީ އެވެ. ޕީއެންސީއަށް އެ ރަށުން ލިބުނީ އަންހެނުންނަށް ހާއްސަ ގޮނޑި އެކަންޏެވެ.

ވޭވަށުންވެސް ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީގެ މަމްދޫހު ވަހީދު ކާމިޔާބުކުރައްވާފައިވަނީ 131 ވޯޓު ހޯއްދަވައިގެންނެވެ. އެ ރަށުގެ ބާކީ އޮތް ގޮނޑީގައިވެސް އެމްޑީޕީގެ އަހުޝަން ނައީމް ވަނީ ވަރަށް ހަނި ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓަށްވުރެ ކުރި ހޯއްދަވާފަ އެވެ.

ޕީއެންސީއަށް ކާމިޔާބު ލިބުނު ރަށްތައް:

މި ދާއިރާގެ ރަށްތަކުގެ ތެރެއިން ޕީއެންސީއަށް ފުރިހަމަ ކާމިޔާބީއެއް ލިބިފައިވަނީ މުލީގައާއި ރަތްމަންދޫގަ އެވެ. ރަތްމަންދޫގެ ތިން ގޮނޑިވެސް ޕީއެންސީން ކާމިޔާބުކުރިއިރު، މުލީގެ ކައުންސިލް ރައީސްކަން މުއާވިޔަތު ޝަކީބް ވަނީ ކާމިޔާބުކުރައްވާފަ އެވެ. މުލީގެ ބާކީ ދެ ގޮނޑިވެސް ނަގާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ ދާއިރާގައި ހިމެނޭ ފަސް ރަށުގެ ތެރެއިން ތިން ރަށެއްގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދުމާއެކު، ސަރުކާރު ހިންގާ ޕާޓީއަށް އެ ދާއިރާގައި އޮތް ތާއީދާމެދު ވަނީ ސުވާލު އުފެދިފަ އެވެ.