އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި، އީރާނުގެ އިންގިލާބީ ފައުޖު، އައިއާރުޖީސީގެ ޖާސޫސީ ވެރިޔާ މާޖިދު ޚާދިމީ ޝަހީދުކޮށްލައިފި އެވެ.

އައިއާރުޖީސީން ބުނީ، ޚާދިމީ ޝަހީދުކޮށްލާފައިވަނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުގެ އިރުމައްޗާއި، ހުޅަނގު އަދި ދެކުނުގެ ސަރަޙައްދުތަކަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ކަމަށެވެ.

މިގޮތުން، އެ ހަމަލާތަކުގައި ތަހްރާނުގެ އުތުރުގައި ހުންނަ ޝާރިފް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއަށް ވެސް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ.

ހަނގުރާމައިގެ މިހާތަނަށް އީރާންގެ 30 ޔުނިވަރސިޓީއަކަށް ހަމަލާތައް އަމާޒުކޮށްފައިވާ ކަމުގައި އެ ގައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރި އެވެ. މީގެ ތެރޭގައި ވެރިރަށް ތަހްރާންގެ އެންމެ މުހިންމު އެއް މަތީ ތަޢުލީމީ މަރުކަޒުގައި ހުންނަ ދިރާސާކުރާ މަރުކަޒަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި އެ ތަން ވަނީ މުޅިން ސުންނާފަތިކޮށްލާފަ އެވެ.

ޔުނިވަރސިޓީތަކުގެ އިތުރުން، އެމެރިކާއާއި ޔަހޫދީންގެ ހަމަލާތައް ވަނީ ސިއްހީ ދާއިރާއާއި ޢާންމު ޚިދުމަތްތަކަށް ވެސް އަމާޒުކޮށްފައެވެ. ތެހްރާންގައި ހުންނަ ވެކްސިން އުފައްދާ މަރުކަޒަކަށާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލަކަށް ދިން ހަމަލާތަކާ ގުޅިގެން، އެ ތަންތަނުގެ ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ.

އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމަށް ޓަކައި އެ ޤައުމުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ޢާންމުން ދަތުރުފަތުރުކުރާ ބުރިޖުތަކަށް ވެސް އެމެރިކާއާއި ޔަހޫދީން ދަނީ ބޮން އަޅަމުންނެވެ.

ތެހްރާނުގެ އިތުރުން، އީރާނުގެ މީހުން ދިރިއުޅޭ އެހެން ސަހަރުތަކަށް ވެސް އެމެރިކާ އާއި ޔަހޫދީން ގުޅިގެން ހުއްޓުމެއްނެތި ޙަމަލާތައް ދެމުންދާކަމަށް އީރާނުގެ ކަމާގުޅޭ އިދާރާތަކުން ބުނެފައިވެ އެވެ.

މި ހަނގުރާމައިގައި މިހާތަނަށް 2,076 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

ފެބްރުއަރީ 28ގައި އެމެރިކާއާ ގުޅިގެން ޔަހޫދީން ފެށި މި ޢުދުވާނުގެ ރައްދު އީރާނު ވެސް ދަނީ ވަރުގަދައަށް ދެމުންނެވެ.

މިގޮތުން، ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަނީ ވަރުގަދަ ޙަމަލާތައްދީ، ބޮޑެތި ގެއްލުންތައް ދީފަ އެވެ.

އީރާނުގެ ވެރިރަށަށް ދެމުންދާ ޙަމަލާތައް އިތުރަށް ފުޅާކުރުމުގެ ރައްދު ދޭނެކަމުގެ އިންޒާރު އައިއާރުޖީސީން ވަނީ ދީފަ އެވެ.