ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ތެލާއި ގޭހުގެ ދަތިކަމަކީ 1973، 1979 އަދި 2022 ވަނަ އަހަރު ކުރިމަތިވި ހަކަތައިގެ ދަތިކަމަށްވުރެ މާ ނުރައްކާތެރި ހާލަތެއް ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ އިސްވެރިޔާ ފާތިހް ބިރޯލް ވިދާޅުވެއްޖެ އެވެ.

ފަރަންސޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ބިރޯލް ވިދާޅުވީ، ހަކަތަ ފޯރުކޮށްދިނުމަށް މިހާ ބޮޑު ބުރޫއެއް އެރި ދަނޑިވަޅެއް މީގެ ކުރިން ދުނިޔެ ދެކިފައި ނުވާ ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވިލާތުގެ ގައުމުތަކާއި، ޖަޕާނާއި، އޮސްޓްރޭލިއާ ފަދަ ގައުމުތަކަށް މީގެ ނޭދެވޭ އަސަރު ކުރާނެ އެވެ. ނަމަވެސް، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަމަށާއި، އެ ގައުމުތަކުގައި ތެލާއި ގޭހުގެ އަގު އުފުލި، ކާބޯތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއީއޭ ގެ މެންބަރު ގައުމުތަކުން ވަނީ މިދިޔަ މަހު އެ ގައުމުތަކުގެ ސްޓްރެޓީޖިކް ރިޒާވް ނުވަތަ ރައްކާކޮށްފައި ހުރި ތެލުން ބައެއް ބާޒާރަށް ނެރުމަށް އެއްބަސްވެފަ އެވެ. ބިރޯލް ވިދާޅުވި ގޮތުގައި މީގެ ތެރެއިން ބައެއް ތެޔޮ މިހާރު ވެސް ބާޒާރަށް ނެރެފައިވާ އިރު، އެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފަ އެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިން ކަމަށްވާއިރު، މި ނިންމުމާ ގުޅިގެން ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.