އަސްކަރީ ސާމާނާއި ޓެކްނޮލޮޖީގެ ދިރާސާތައް ބަދަލުކުރުން ހިމެނޭ ގޮތަށް އިޒްރޭލާއެކު ވެފައިވާ ދިފާއީ އެއްބަސްވުން އިޓަލީން މެދުކަނޑާލާފައިވާ ކަމަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވެއްޖެ އެވެ.
އިޓަލީގެ ނޫސް އެޖެންސީތައް ކަމަށްވާ އަންސާ ދި އޭޖީއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރޯނާގައި އޮތް ހަފުލާއެއްގެ ތެރެއިން މެލޯނީ އަންގާރަ ދުވަހު ވިދާޅުވީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިޒްރޭލާއެކު އޮތް ދިފާއީ އެއްބަސްވުން އަމިއްލަޒާތުން އާ ވަމުންދިޔަ ދިއުން މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
2006 ވަނަ އަހަރު އިޒްރޭލުން ތަސްދީގުކުރި މި އެއްބަސްވުމަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަމިއްލަޒާތުން އާ ވަމުންދާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ދިފާއީ ސިނާއަތްތަކާއި، އަސްކަރީ މުވައްޒަފުން ތަމްރީނުކުރުމާއި، ދިރާސާކުރުމާއި ތަރައްގީގެ އިތުރުން މައުލޫމާތު ފޯރުކޮށްދިނުމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
މެލޯނީގެ ކަނާތު ފިޔައިގެ ސަރުކާރަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން އިޒްރޭލާ އެންމެ ގާތް ގުޅުމެއް ބާއްވަމުން އައި އެއް ސަރުކާރެވެ. ނަމަވެސް، ފަހަކަށް އައިސް އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިޓަލީން ވަނީ އިޒްރޭލުން ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
މި ނިންމުމާ ގުޅިގެން އިޒްރޭލުގެ ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ވެދިޔަ ހަފުތާގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވަނީ، ލުބުނާނުގައި ތިބި އިޓަލީގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގެ ގާފިލާއަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން އިންޒާރުގެ ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް އިޓަލީ ސަރުކާރުން ތުހުމަތުކުރުމާ ގުޅިގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، އެއް އުޅަނދަށް ވަނީ ގެއްލުން ލިބިފަ އެވެ. މިކަމާ ގުޅިގެން އިޓަލީން ވަނީ އެޤައުމުގައި ހުންނަވާ އިޒްރޭލުގެ ސަފީރު ހާޒިރުކޮށް އިހްތިޖާޖުކޮށްފަ އެވެ.
މީގެ އިތުރުން، އިޒްރޭލު ސިފައިން ލުބުނާނުގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޔާނީ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އިޒްރޭލުން ވެސް ވަނީ އެޤައުމުގައި ހުންނަވާ އިޓަލީގެ ސަފީރު ހޯމަ ދުވަހު ހާޒިރުކޮށްފަ އެވެ.
އިޓަލީގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުވެސް ފުރުއްވާ ތަޔާނީ، ލުބުނާނުގެ ރައީސް ޖޯސެފް އައުން އާއި ޚާރިޖީ ވަޒީރު ޔޫސުފް ރާޖީއާ ބައްދަލުކުރެއްވުމަށް ހޯމަ ދުވަހު ވަނީ ބެއިރޫތަށް ވަޑައިގެންފަ އެވެ.
އޭނާ ފަހުން އެކްސް ގައި ވިދާޅުވީ، ލުބުނާނަށް ވަޑައިގަތީ އިޒްރޭލުން އާންމުންނަށް އަމާޒުކޮށް ދެމުންދާ ބަލައިނުގަނެވޭ ފަދަ ހަމަލާތަކާ ގުޅިގެން އިޓަލީން ލުބުނާނާއެކު ސާބިތުވެ އޮތްކަން ހާމަކުރުމަށް ކަމަށެވެ.
ފާޑުކިޔުން އަމާޒުވި ބޭފުޅުންނާއެކު އަލުން ކެބިނެޓު އެކުލަވާލުން!
ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް، ތައްޔާރު ތަ؟
ގެއްލިގެން ހޯދި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ