އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، އަލުން ހަނގުރާމައެއް ފެށުނަ ނުދީ ހުއްޓުވުމަށް އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ހޮރްމޫޒް ކަނޑުއޮޅީގެ އޮމާން ފަރާތުން ދަތުރުކުރާ އުޅަނދުތަކަށް އެއްވެސް ނުރައްކަލެއް ނެތި މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް އީރާނުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެމެރިކާ-އިޒްރޭލް އަދި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިއަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ބޮޑު ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެއީ ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް އީރާނުން ހުރަސްއެޅުމުގެ ސަބަބުންނެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން، ސަތޭކައަށްވުރެ ގިނަ ތެޔޮ ޓޭންކަރުތަކާއި އެހެނިހެން އުޅަނދުތަކުގެ އިތުރުން 20،000 ކަނޑުފަޅުވެރިން ވަނީ ގަލްފުގެ ތެރޭގައި ތާށިވެފަ އެވެ. އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެފައިވަނީ ހަނގުރާމަ ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލަކީ މަޝްވަރާތަކުގައި އަދިވެސް އެންމެ މުހިންމު އެއް މައްސަލަ އެވެ.
އީރާނުގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ބޭނުންވަނީ އޮމާންގެ ކަނޑުގެ ސަރަހައްދު ހިމެނޭ ކަނޑުއޮޅީގެ އަނެއް ފަރާތުން އީރާނުގެ އެއްވެސް ހުރަހެއް ނެތި އުޅަނދުތަކަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށެވެ. އެހެންނަމަވެސް، އެ ސަރަހައްދުގައި އީރާނުން ވަޅުލާފައިވާ މައިންތައް ނަގާނެ ކަމެއް ނުވަތަ އިޒްރޭލާ ގުޅުންހުރި އުޅަނދުތަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމެއް އެ މަސްދަރުން ހާމައެއް ނުކުރެ އެވެ.
އީރާނުގެ މި ހުށަހެޅުން ބިނާވެފައިވަނީ އީރާނުގެ ޝަރުތުތަކަށް އެމެރިކާއިން އިޖާބަދޭ މިންވަރެއްގެ މައްޗަށެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި ކުރިއެރުމެއް ހޯދުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭ ޝަރުތެއް ކަމަށްވެސް އެ ފަރާތުން ބުންޏެވެ. މިކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން އަދި އީރާނުގެ ފޮރިން މިނިސްޓްރީންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ހުޅަނގުގެ ސަލާމަތީ މަސްދަރަކުން ބުނި ގޮތުގައި، އޮމާންގެ ކަނޑުގެ ސަރަހައްދުން އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދުމުގެ ހުށަހެޅުމަކީ ކުރިންވެސް މަޝްވަރާ ކުރެވެމުންދިޔަ ކަމެކެވެ. ނަމަވެސް މިކަމަށް އެމެރިކާއިން ވަކި ޖަވާބެއް ދިންކަން އަދި ސާފެއް ނުވެއެވެ.
އީރާނާއި އޮމާނާ ދެމެދު އޮންނަ 34 ކިލޯމީޓަރުގެ ފުޅާމިން ހުންނަ މި ކަނޑުއޮޅިއަކީ ގަލްފުން އިންޑިއާ ކަނޑަށް ނުކުމެވޭ ހަމައެކަނި މަގެވެ. މިއީ މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ބާވަތްތަކާއި ގަސްކާނާ ފަދަ މުހިންމު މުދާ އުފުލުމަށް ބޭނުންކުރާ މައިގަނޑު މަގެވެ.
މި ހުށަހެޅުމަކީ ފާއިތުވި ހަފުތާތަކުގައި އީރާނުން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކުން ފަހަތަށް ޖެހުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ މި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމާއި، ކަނޑުއޮޅީގެ މައްޗަށް އަމިއްލަ އިސްތިގުލާލު ހިންގުން ހިމެނެ އެވެ. މިފަދަ ކަންކަމަކީ ކަނޑުދަތުރުފަތުރުގެ ގާނޫނުތަކާ ހިލާފު، މީގެ ކުރިން ދުވަހަކުވެސް ހިނގާފައިނުވާ ކަންކަން ކަމަށް ދުނިޔޭގެ ޝިޕިން އިންޑަސްޓްރީން ވަނީ ސިފަކޮށްފަ އެވެ.
އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން މި ހަފުތާގައި ލަންޑަނުގައި ބޭއްވި ބައްދަލުވުމުގައި، އީރާނުން ފީ ނެގުމަށް ގެންގުޅޭ ވިސްނުމާ ދެކޮޅަށް މެންބަރު ގައުމުތަކުން ވަނީ އަޑުއުފުލާފަ އެވެ. އައިއެމްއޯ އިން ބުނި ގޮތުގައި މިފަދަ ކަމެއް ކުރުމަކީ ނުރައްކާތެރި އުސޫލެއް ގާއިމުވެގެންދާނެ ކަމެކެވެ.
އީރާނުގެ މި ހުށަހެޅުމަކީ ކަނޑުއޮޅީގެ ދަތުރުފަތުރުގެ ކަންކަން ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. 1968 ވަނަ އަހަރު އދ. އިން ކަނޑައަޅާފައިވާ ނިޒާމުގެ ދަށުން، އުޅަނދުތައް ދަތުރުކުރުމަށްޓަކައި އީރާނާއި އޮމާންގެ ކަނޑުގެ ސަރަހައްދުގައި ވަކި މަގުތަކެއް (ކޮރިޑޯތަކެއް) ވަނީ ކަނޑައެޅިފަ އެވެ.
ހޯމަ ދުވަހުން ފެށިގެން އީރާނުގެ ބަނދަރުތަކުން ތެޔޮ ހިފައިގެން ނުކުންނަ އުޅަނދުތަކަށް އެމެރިކާއިން ވަނީ ހުރަސް އަޅާފަ އެވެ. އަދި ފެބްރުއަރީ 28 އިން ފެށިގެން އެ ސަރަހައްދުގެ އާންމު ދަތުރުފަތުރުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
އިޓަލީން އިޒްރޭލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލައިފި
ގެއްލިގެން ހޯދި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ