އެމެރިކާއާއެކު ފަހުން ބޭއްވި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް މަޝްވަރާތަކުގައި އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެ އެވެ. ނަމަވެސް ނިއުކްލިއާ މައްސަލަތަކާއި ހޮރްމޫޒް ކަނޑުއޮޅީގެ ކަންކަމުގައި އަދިވެސް ދެބަސްވުންތައް އެބަހުރި ކަމަށް އީރާނުން ބުނެއެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު ވަރަށް ރަނގަޅު ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ. އެހެންނަމަވެސް، މުހިންމު ޝިޕިން ރޫޓެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ބޭނުންކޮށްގެން އީރާނުން ބިރުދައްކަމުންދާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.
އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ހޮނިހިރު ދުވަހު ދެ ފަރާތުން ވެސް މަޝްވަރާތަކުގެ ތަފްސީލު ހާމައެއް ނުކުރެއެވެ.
އަށް ހަފުތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާއެކު މަސްރަހު ވަނީ އިތުރަށް ގޯސްވެފަ އެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ.
ކަނޑުއޮޅީގެ މައްސަލައިގައި އީރާނުގެ ނިންމުން ބަދަލުވުން
ގާލީބާފް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް ދެ ފަރާތުގެ ދެމެދުގައި އަދިވެސް ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށެވެ. ބައެއް ކަންކަމުގައި އީރާނުން ގޮތް ދޫނުކުރާނެ ކަމަށާއި، ހަމައެފަދައިން އެމެރިކާގެ ވެސް ރަތް ރޮނގުތައް ހުރި ނަމަވެސް، މިއީ މަދު ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް ޓްރަމްޕް ވެސް ވަނީ އީރާނާއެކު ކުރިއަށްދާ ވާހަކަތަކާމެދު ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް، ހޮނިހިރު ދުވަހު އީރާނުން ވަނީ ކުއްލި ގޮތަކަށް އަނެއްކާވެސް ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނަގައި، އެ ސަރަހައްދު ބަންދުކޮށްފަ އެވެ. މިއީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައަށް ލިބުނު އިތުރު ނުތަނަވަސްކަމެކެވެ.
އީރާނުން ބުނާ ގޮތުގައި މިއީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމުގެ ރައްދުގައި ކުރި ކަމެކެވެ. އަދި އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އީރާނުން ތުހުމަތުކުރެއެވެ. އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ މުޖުތަބާ ހާމަނާއީ ވިދާޅުވީ އީރާނުގެ ކަނޑުގެ ސިފައިން ތިބީ ދުޝްމަނުންނަށް ހިތި ނަތީޖާއެއް ދައްކާލުމަށް ތައްޔާރަށް ކަމަށެވެ. ޓްރަމްޕް މި އަމަލު ސިފަކުރެއްވީ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގަ އެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ދިފާއުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އަންނަ ބުދަ ދުވަހުގެ ކުރިން ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަނެއްކާވެސް ބޮން އަޅަން ފަށާނެ ކަމަށެވެ. އީރާނުން ބުނަމުންދަނީ ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ ހިދުމަތްތަކަށް ފީ ނެގުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.
އުޅަނދުތަކަށް ހަމަލާދިނުން
ހޮނިހިރު ދުވަހު ދެ އުޅަނދަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓުތައް ލިބުމާއެކު ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އިންޑިއާގެ ދެ އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން، އިންޑިއާ ސަރުކާރުން ވަނީ އީރާނުގެ ސަފީރު ހާޒިރުކޮށް މިކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އެމެރިކާ ސިފައިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ފާރަވެރިވަމުން ކަމަށެވެ. ނަމަވެސް އީރާނުގެ އެންމެ ފަހުގެ ހަރަކާތްތަކާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކުގައި، އީރާނުގެ ނިއުކްލިއާ ހަރަކާތްތައް 20 އަހަރަށް ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅިއިރު، އީރާނުން ހުށަހެޅީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ހުއްޓާލުމަށެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓާ ސައީދު ހަތީބުޒާދާ ވިދާޅުވީ ދެން އޮންނަ މަޝްވަރާގެ ބުރެއް ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅާ ކަމަށާއި، ފުރަތަމަ ކަންކަމުގެ އޮނިގަނޑަކަށް އެއްބަސްވާން ޖެހޭނެ ކަމަށެވެ.
ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ މި ހަފުތާ ބަންދުގައި މަޝްވަރާތައް ކުރިއަށް ގޮސްދާނެ ކަމަށާއި، ދެ ގައުމު އޮތީ އެއްބަސްވުމަކާ ވަރަށް ގާތުގައި ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އިތުރު މަޝްވަރާތަކެއް ބޭއްވުމުގެ އެއްވެސް ނިޝާނެއް ހޮނިހިރު ދުވަހު ފެންނާކަށް ނެތެވެ. މިއީ 1979 ގެ އިސްލާމީ އިންގިލާބަށްފަހު އެމެރިކާއާއި އީރާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ މަޝްވަރާތަކެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އިސް މުޝީރުން ހޮނިހިރު ދުވަހުގެ ހެނދުނު ވައިޓް ހައުސްގައި ބައްދަލުކުރިއިރު، ޓްރަމްޕް ވަނީ އޭނާގެ އިސް މަންދޫބު ސްޓީވް ވިޓްކޮފްއާއެކު ގޮލްފް ކުޅުއްވަން ވަޑައިގެންފަ އެވެ.
ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އިންތިހާބާ ދިމާކޮށް، އެމެރިކާގައި ތެލުގެ އަގު ބޮޑުވެ، އިންފްލޭޝަން މައްޗަށް ގޮސް، ޓްރަމްޕްގެ މަގުބޫލުކަން ދަށަށް ދިއުމާ ގުޅިގެން، ހަނގުރާމަ ހުއްޓާލުމަށް އޮތް ފިއްތުންތައް ވަނީ އިތުރުވެފަ އެވެ. ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވިދާނެ ކަމުގެ އުންމީދުގައި ހުކުރު ދުވަހު ތެލުގެ އަގު %10 ދަށަށް ދިޔަ ނަމަވެސް، އަދިވެސް އެތައް ސަތޭކަ އުޅަނދަކާއި ގާތްގަނޑަކަށް 20,000 ފަޅުވެރިން ކަނޑުއޮޅި ހުޅުވޭނެ ވަގުތެއްގެ އިންތިޒާރުގައި ގަލްފް ސަރަހައްދުގައި އެބަތިއްބެވެ.
ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރަނީ
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަލުން ބޮން އަޅާނަން: ޓްރަމްޕް
ސަރުކާރު ޓެކްސީން އަގު ނަގަން ފަށައިފި