އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރި އިއުލާނާއި އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު އަންގައިފި އެވެ.

އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުން އެގޮތަށް ނިންމީ ޗެއާޕާސަންގެ އިންތިހާބަށް ހުޅުވާލީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ.

އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު ވަނީ ސިޓީއަކުން އެކަން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް އަންގަވާފަ އެވެ.

އެ ސިޓީގައި ވަނީ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އިންތިހާބުގެ ކަންކަން ރާވައި ހިންގުމުގެ ޒިންމާ އޮންނަނީ އިސްތިއުނާފު މަޖިލީހުގެ ރައީސަށް ކަމަށެވެ. އެހެންކަމުން އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި ވަނީ ގިނަ އަދަދެއްގެ މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާ މި ދަނޑިވަޅުގައި، އެ މެމްބަރުންނަށް އަލުން ޕާޓީއާ ގުޅުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބޭއްވުމަކީ ކެންޑިޑޭޓުންގެ ހައްގު ގެއްލޭކަމެއް ކަމަށެވެ.

އަދި ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އޮތް ވަގުތެއްގައި މަސްލަހަތު ގެއްލިދާނެ ނިންމުންތައް ނުނިންމުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ފޯރިއާއެކު ކެމްޕޭން ކުރައްވަމުންނެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓު ލެވޭނީ ރޭ 12:00އާ ހަމައަށް ޕާޓީގެ މެންބަރަކަށް ވެފައިވާ މީހުންނަށް އެކަނި ކަމަށް ކުއްލިގޮތަކަށް ރޭ ވަނީ ނިންމާފަ އެވެ.