ރާއްޖޭގައި ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ރައްޔިތުންގެ ޝަކުވާތައް އިތުރުވަމުންދާތީ ދައުލަތުގެ ކަމާބެހޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުވާން އަންގައިފި އެވެ.

މިއަދު 11:00ގައި އޮތް އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކުރަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އިތުރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑެވެ.

އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަނީ ބޭސް ލިބުމުގައި ދިމާވާ ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމަށެވެ.

ޔޫޕަރް ކޮލިޓީގެ ބޭސް ދިވެހީންނަށް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ވިޔަސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގައި ގެނެވުނު ބައެއް ބަދަލުތަކާ ގުޅިގެންވެސް އާންމުންގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ.

އެސްޓީއޯއިން ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަމަށް ހާއްސަ ކުންފުންޏެއް އުފައްދާފަ އެވެ. ނަމަވެސް މައްސަލައަށް ހައްލެއް ނުލިބެ އެވެ.