ވ. އަތޮޅުގައި ހިނގި ހިތާމަވެރި ޑައިވިންގް ހާދިސާއާ ގުޅިގެން، ގެއްލުނު 4 ފަތުރުވެރިން ޑައިވިންއަށް ފިޔަ އުޅަނދު ކަމަށްވާ "އެމްވީ ޑޫކް އޮފް ޔޯކް" ގެ އޮޕަރޭޓިން ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފި އެވެ.

މިނިސްޓްރީން ބުނީ މި ފިޔަވަޅު އެޅީ ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބަލައި ތަހުގީގު ކުރުމަށްޓަކައި ކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކޮށް، ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.

މި ހާދިސާގައި އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރަކު ގެއްލުނެވެ. ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ވަނީ 60 މީޓަރު އަޑީގެ ހޮހަޅައެއްގެ ތެރެއިން ފެނިފަ އެވެ. ބާކީ ތިބި 4 މީހުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން މެދުނުކެނޑި ދަނީ މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި ހިތާމަވެރި ވަގުތުގައި ފަތުރުވެރިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފަ އެވެ. އަދި ޑައިވިން ފަދަ ހަރަކާތްތައް ހިންގާއިރު ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އޮޕަރޭޓަރުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.