ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީންތަކުގެ ދެވަނަ ބުރުގެ ބައިވެރިންތަކެއް ގޮވައިގެން ޅ. މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް މިއަދު ހަވީރު ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އަދި ހުޅުމާލެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، "ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް" ގެ ބައިވެރިން ގޮވައިގެން ދަތުރުކުރި މި ލޯންޗު ފަޅައިގެން ދިއުމާއެކު، އޭގައި ތިބި ހުރިހާ ކުދިން ވަނީ ލައިފް ޖެކެޓާއެކު ކަނޑަށް ބާލާފަ އެވެ.

މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އޭގެއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ޒުވާނުން ކަނޑުމަތީގައި ލައިފް ޖެކެޓު އަޅައިގެން ތިއްބެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 6:00 ޖަހާކަންހާއިރު އެވެ. ހާދިސާ ހިނގި ސަރަހައްދަށް ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފަ އެވެ. ކަނޑުވި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑަށް ބޭލި މީހުން އެހެން ލޯންޗުތަކަށް ނެގުމަށްފަހު، އެންމެން މާލެއަށް ގެނައުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ޖުމްލަ ކިތައް މީހުން ކަމެއް އަދި މިހާތަނަށް މާލެ ގެނެވުނީ ކިތައް މީހުން ކަމެއް ރަސްމީ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.