ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޮއާއި ވީޑިއޯ، ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ފިރިހެނަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމި ނިންމުން، އަލުން ރިވިއުކުރަން ފުލުހުން އެ އޮފީހުގައި އެދިއްޖެކަން އެނގިއްޖެ އެވެ.
މި މައްސަލައިގައި މިދިޔަ މަހުގެ 5 ވަނަ ދުވަހު ހައްޔަރުކޮށް، އޭޕްރީލް 20 ގައި ވަނަވަރު ހާމަކޮށްފައި ވަނީ ތ. ވިލުފުށީ، މުނިމާގޭ، އާދަމް އަދްލާން ލަތީފު 22، އެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީރިއަސްކަމުން، މި މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމާ މެދު ސުވާލު އުފެދި، ކަމާ ބެހޭ މުއައްސަސާތަކުގެ މެދުގައި މިހާރު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
ފުލުހުންގެ ތަހުގީގުން އެނގޭ ގޮތުގައި މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ހިންގާފައިވާ މިފަދަ އެންމެ ބޮޑު އެއް ކުށެވެ.
އަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މެޓީރިއަލް ގަނެވިއްކާ ކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ލިބިގެންނެވެ. އަދި އޭނާގެ ކްރިޕްޓޯ އެކައުންޓަށް މި ވޮލެޓުން ފައިސާ ފޮނުވާފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
އޭނާގެ އަތުން އަތުލައިގަތް އިލެކްޓްރޯނިކް ވަސީލަތްތައް ފޮރެންސިކް ތަހުލީލު ކުރިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކުގެ އިތުރުން، ކުޑަކުދިންނަށް ސީދާ ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ވަނީ ފެނިފަ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އެނގޭ ގޮތުގައި އަދްލާނަށް ދައުވާ ކުރުމަށް ގާނޫނުން ލިބިދޭ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އަދި ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކޮށްފިނަމަ، އޭނާ މުޖުތަމައުގެ ތެރެއަށް މިނިވަންވާނެ އެވެ.
ޕީޖީން ދައުވާ ނުކުރަން ނިންމިކަން މިދިޔަ ބުރާސްފަތި ދުވަހު ސިޓީއަކުން ފުލުހުންނަށް އަންގާފައިވީ ނަމަވެސް، ފުލުހުން ބޭނުންވަނީ ކުޑަކުދިންގެ ހައްގުގައި މި މައްސަލަ ރިވިއުކޮށް ކޯޓަށް ފޮނުވުމަށެވެ.
އީރާނުގެ އިސްލާހުތައް އެމެރިކާއާ ހިއްސާކޮށްފި
މަހިބަދޫ ކައުންސިލްގެ ނައިބަކަށް ޒައީމާ
މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި