ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު މޫދު އަޑިން ނަގައި، ތަހުގީގަށް ބޭނުން ވެދާނެ ހެކި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕުން ބުނެފި އެވެ.

ޑޭން ޔޫރަޕުން ނެރުނު ބަޔާނެއްގައި ބުނީ، ކަނޑުއަޑީގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމުގެ ގޮތުން އިއްޔެ އެންމެ ފަހު ޑައިވް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މޫސުން ގޯސްވެ، އޮއިވަރު ބާރުވުމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވި ނަމަވެސް، ތިން ގަޑިއިރުގެ މި ޑައިވް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފަ އެވެ.

އެންމެ ފަހު ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމެވެ. މީގެ ތެރޭގައި އޮޕަރޭޝަންގައި ބޭނުންކުރި ތަކެއްޗާއި ސާމާނުތައް ނެގުން ހިމެނެ އެވެ.

މި ޑައިވް ނިންމާލުމަށް ފަހު، ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތަކާއި، ތަހުގީގަށް ބޭނުންވެދާނެ އިތުރު ހެކިތައް މިހާރު ވަނީ ދިވެހި ފުލުހުންނާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގެއް އިޓަލީ ސަރުކާރުން ވެސް ވަނީ ފަށާފަ އެވެ.

ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ ވިދާޅުވި ގޮތުގައި، ޑައިވަރުން މަރުވީ ހޮހަޅައިގެ ތެރޭގައި މަގުއޮޅި، ހޮހޮޅައިގެ ތިންވަނަ ބަޔަށް ވަދެވި ނޭވާ ހާސްވުމުގެ ތެރޭގަ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ޓެކްނިކަލް އަދި ކޭވް ޑައިވިންގެ އެންމެ މަތީ ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ޑޭން އިން ވަނީ މި މަސައްކަތުގައި އެހީތެރިވި ދިވެހި އަދި ބޭރުގެ ހުރިހާ މުއައްސަސާތަކަށް ޝުކުރު އަދާކޮށްފަ އެވެ.