ރައީސް މުހައްމަދު މުއިއްޒުގެ މަގުބޫލުކަން އާންމުންގެ މެދުގައި ދަށްވަމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ މަސްލަހަތަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީގެ ސެނެޓް މެންބަރަކު ވިދާޅުވި ގޮތުގައި ޕީއެންސީގެ ކޮންގްރެސްގެ ހުރިހާ ބާރުތަކެއް ލީޑަޝިޕަށް ދިނުމަށް ރައީސް މުއިއްޒު ސެނެޓަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސެނެޓުގެ އަގުލަބިއްޔަތުން ވަނީ ދެކޮޅު ހަދާފަ އެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ޕާޓީގެ އެތެރޭގެ ނިންމުމެއްގައި ރައީސަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.
ކޮންގްރެސްގެ އިންތިޒާމުތައް ހަމައެކަނި ލީޑަޝިޕުން ނިންމުމުގެ ބަދަލުގައި، ސެނެޓުން އިސްކަން ދިނީ އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ. މި ކޮމިޓީގައި ރައީސް މުއިއްޒު އެހާ ގަޔާނުވާ ބައެއް ބޭފުޅުން ހިމެނިފައި ވާއިރު، އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވަ އެވެ.
ފާޅުކަން ބޮޑު ގޮތެއްގައި ބަސްނުބުނި ކަމުގައި ވިޔަސް، ސަރުކާރުގެ ސިޔާސަތުތަކާ މެދު ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވާކަން ޕާޓީގެ އެތެރޭގެ މަސްދަރުތަކުން އެނގެ އެވެ.
ރައީސް މުއިއްޒުގެ ސިޔާސީ ބާރު ކުޑަވަމުން ދާކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ އޭޕްރީލް މަހު ބޭއްވި ރިފަރެންޑަމްގައި %70 ރައްޔިތުން އެމަނިކުފާނުގެ ހުށަހެޅުއްވުމާ ދެކޮޅަށް ވޯޓު ދިނުމުންނެވެ. މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއަކީ ވެސް ޕާޓީގެ އެތެރޭގެ އިތުބާރު ކުޑަވާން މެދުވެރިވި ސަބަބެކެވެ.
ޕާޓީގެ އެތެރެއިން މިފަދަ މަންޒަރުތައް ފެންނަން ފަށާފައި މިވަނީ، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ބަންގްލަދޭޝްގައި ހިމަބިހި ފެތުރި 500 ކުދިން މަރުވެއްޖެ
ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ބުނެ އިތުރު މުއްދަތެއް
ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު އަންނަ މަހު 15އަށް