ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އަންގައިފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ އެންމެ ފަހުގެ މޫސުމީ ރިޕޯޓުގައިވާ ގޮތުން، މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ދެކުނުގެ ރަށްތަކަށްވެސް ކޮންމެވެސް ވަރަކަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ދުވަސްވަރަކީ އީދުގެ ޗުއްޓީއަށް ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުންނާއި ވައިގެ މަގުން ރަށްރަށަށް ދަތުރުކުރަމުންދާ ވަގުތަކަށް ވުމުން، މޫސުމަށް އަންނަ މި ބަދަލާއެކު ދަތުރުތަކަށް ބުރޫއެރުމުގެ ފުރުސަތު އޮތްކަން އެ އިދާރާއިން ފާހަގަކުރެއެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ކަނޑުގެ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން، ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި އާއިލާތަކާއެކު ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން:
- އުޅަނދުގައި ލައިފް ޖެކެޓް ހަމައަށް ހުރިތޯ ބެލުން.
- މުވާސަލާތީ ވަސީލަތްތައް ރަނގަޅަށް މަސައްކަތްކުރާކަން ޔަގީންކުރުން.
- އުޅަނދުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުން.
- ދަތުރަށް ފެށުމުގެ ކުރިން ކޯސްޓްގާޑާއި ފުލުހުންގެ މޫސުމީ އިރުޝާދު ހޯދުން.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުވާތީ، ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި، މޫސުން ތަން ނުދޭނަމަ ދަތުރު ފަސްކޮށްލުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފަ އެވެ.
"ރައީސްގެ ހުށަހެޅުމަކަށް ސެނެޓުން ނޫނެކޭއެއް ނުބުނާނެ"
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ