ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް/ އައިޔޫއައި މެދުވެރިކޮށް 100 ކުދިން އުފަންވުމުގެ ތާރީހީ ކާމިޔާބީ އެ ހޮސްޕިޓަލުން މިއަދު ފާހަގަކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާގެ ދާއިރާގައި ހޯދުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
މެއި 29، 2023 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ގާއިމުކުރި ފަހުން، އެ ސެންޓަރުން ވަނީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާ ދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފަ އެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި 100 ކުދިން އުފަންވުމުގެ މި ކާމިޔާބީއަކީ، ދިވެހި އާއިލާތަކުން އެ ސެންޓަރަށް ކުރާ އިތުބާރާއި، އެތަނުގެ ހުނަރުވެރި ޓީމުގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރަކީ ރާއްޖޭގައި އައިވީއެފް/އައިޔޫއައި ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި މަރުކަޒެވެ. މީގެ ސަބަބުން، މީގެ ކުރިން ރާއްޖޭން ބޭރަށް ގޮސް ބޮޑެތި ހަރަދުތަކެއް ކޮށްގެން މި ފަރުވާ ހޯދަމުންދިޔަ ދެމަފިރިންނަށް ކުރިމަތިވި މާލީ އަދި ނަފްސާނީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ އެ ހޮސްޕިޓަލުން ބުނެ އެވެ.
"އައިވީއެފް މެދުވެރިކޮށް ސަތޭކަ ވަނަ ކުއްޖާ އުފަންވުމަކީ ހަމައެކަނި އަދަދެއް ނޫން. އެއީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުބާރުކުރި ސަތޭކަ އާއިލާއެއްގެ އުންމީދުތައް ހަގީގަތަކަށް ވެގެންދިޔަ ކަމުގެ ރަމްޒެއް. ކޮންމެ ކާމިޔާބު ބަނޑުބޮޑުވުމަކާއި ކޮންމެ އުފަންވި ކުއްޖަކީ، އެ ސެންޓަރުގެ ސްޕެޝަލިސްޓުންނާއި، އެމްބްރިއޮލޮޖިސްޓުންނާއި، ނަރުހުން އަދި އެހެނިހެން މުވައްޒަފުން ކުރަމުންދާ އިހްލާސްތެރި މަސައްކަތުގެ ހެއްކެއް،" ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެ ސެންޓަރުން ވަނީ ދަރިމައިވުމުގެ ފަރުވާގެ ދާއިރާ އިތުރަށް ފުޅާކޮށްފަ އެވެ. މީގެ ތެރޭގައި އައިވީއެފް، އައިޔޫއައި، ދަރިމައިވުމާ ގުޅޭ ތަހުލީލުތައް އަދި ކޮންމެ ބަލިމީހަކަށް ވަކިން ބޭނުންވާ ހާއްސަ ފަރުވާގެ ޕްލޭންތައް ހިމެނޭ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަނީތާ ގޯރު ވިދާޅުވީ މިއީ އެ ހޮސްޕިޓަލްގެ މުޅި ޓީމަށާއި މުޅި ރާއްޖެއަށް ލިބުނު ފަހްރެއް ކަމަށެވެ.
"ސަތޭކަ ކުދިން އުފަންވުމަކީ މުޅި ޓީމަށާއި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. ކޮންމެ ކާމިޔާބު ވާހަކައެއްގެ ފަހަތުގައި ވަނީ ދަރިއަކު ހޯދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީ އާއިލާއެއް. މިފަދަ މުހިންމު ދަތުރެއްގެ ބައިވެރިއަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ޝަރަފެއް،" ޑރ. އަނީތާ ވިދާޅުވި އެވެ.
މި ސެންޓަރުގެ ކާމިޔާބީ ބިނާވެފައި ވަނީ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއްގެ މައްޗަށެވެ. މި ޓީމުގައި ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރުންގެ ތެރޭގައި ޑރ. އަނީތާ ގޯރު، ޑރ. ޒަކިއްޔާ އަހުމަދު އަދި ޑރ. ވަރުޝާ ރެންގަރާޖް ހިމެނިވަޑައިގަންނަވަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި މި ތާރީޚީ ކާމިޔާބީ ފާހަގަކުރަމުންދާއިރު، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނީ އޯގާތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި އައު ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ދަރިމައިވުމުގެ ފަރުވާ ފޯރުކޮށްދިނުމަށެވެ.
އާއިލާއެއް ބިނާކުރުމުގެ މި މުހިންމު ދަތުރުގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުބާރުކުރި ހުރިހާ އާއިލާތަކަށް އެ ހޮސްޕިޓަލުން ޝުކުރު އަދާކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ގިނަ އާއިލާތަކެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި އެ ހޮސްޕިޓަލް ދެމިއޮންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ލޫކަސް ބަންދުން ދޫކޮށްލައިފި
ދެ ހަރަމްފުޅުގައި ކުރެވޭ ކަށު ނަމާދުތަކަށް ގޮވާލެވޭ 4 ގޮތް!
