ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި ޕާކް ނުކުރެވޭ ގޮތް ހަދަން މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގައި އެދުނުތާ މަހަކަށްވުރެ ގިނަ ދުވަސްވީއިރުވެސް އެ މިނިސްޓްރީން އެކަން ހަމަޖައްސައި ނުދިނެވެ.

މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް ސޮއިކުރައްވައި ހައުސިން މިނިސްޓްރީއަށް މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ ރައީސް ނަޝީދު މިހާރު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގަކީ ހަނިގޯޅިއަކަށް ވެފައި އަދި އެ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކްކޮށްފައި ހުރުމުގެ ސަބަބުން އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިވާ ކަމަށް އެމްއެންޑީއެފް އިން އަންގާފައިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ އެ މަގަކީ ޕާކްކުރުން މަނާ މަގަކަށް ހަދައިދިނުމަށް ވެސް އެމްއެންޑީއެފް އިން އެދިފައިވާ ކަމަށެވެ.

މީގެއިތުރުން ނީލޯފަރުމަގު ޕާކް ނުކުރެވޭ މަގަކަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ޕާކްކޮށްފައިވާ ވެހިކަލްތައް ޕާކް ކުރުމަށް މިވަގުތު ޖާގައެއް ދިނުމަށް އެންމެ އެކަށޭނަ ތަނެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރިޖެހިގެއިން ކަމުގައި ވެސް އެ ސިޓީގައިވެ އެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން މިހާތަނަށް އެ ހުއްދަދީފައިނުވެ އެވެ.