އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެ ގައުމަށް އަލުން ހަމަލާދޭން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ. ހެގްސެތު މިހެން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ހުރި ބޮޑެތި ހިޔާލުތަފާތުންތައް ނައްތާލައި އެއްބަސްވުމަކަށް އައުމަށް ވޮޝިންޓަނާއި ތެހެރާންގެ މަންދޫބުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ސިންގަޕޫރުގައި ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވީ، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ހަމަލާދޭން ފެށުމުގެ ގާބިލުކަން އެމެރިކާގެ ކިބައިގައި އެބަހުރި ކަމަށެވެ. އަދި މިފަދަ ހަމަލާއަކަށް ބޭނުންވާ ހަތިޔާރު އެ ސަރަހައްދާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާއިން ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭޝިއާގެ ސަލާމަތީ ކަންކަމާ ގުޅޭ އެންމެ އިސް ފޯރަމް ކަމަށްވާ "ޝަންގްރި-ލާ ޑައިލޮގް" ގައި ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވީ، އީރާނާ އެކު ހަނގުރާމައެއްގައި އުޅުނު ނަމަވެސް، އެމެރިކާއިން އޭޝިއާ-ޕެސިފިކް ސަރަހައްދަށް ދޭ ސަމާލުކަން ކުޑަނުކުރާ ކަމަށެވެ. "އަހަރެމެންނަށް އެއްފަހަރާ ދެ ކަމެއް ކުރެވިދާނެ. ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންވާ މިންވަރަށް ހަތިޔާރު އުފެއްދުމަށްޓަކައި، އަހަރެމެންގެ ދިފާއީ ސިނާއަތް މިހާރު މި އަންނަނީ ދެގުނަ، ތިންގުނަ ނުވަތަ ހަތަރުގުނައަށް ވަރުގަދަކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޕެންޓަގަންގެ ވެރިޔާ އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕަކީ ކެތްތެރި ބޭފުޅެކެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރެވޭ ފަދަ މޮޅު އެއްބަސްވުމެއް ގާއިމުކުރުމަށް ރައީސް ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނު ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ގޮތެއް ނިންމުމަށްޓަކައި ވައިޓް ހައުސްގައި ބައްދަލުކުރައްވާނެ ކަމަށް ރައީސް ޓްރަމްޕް ހުކުރު ދުވަހު ވަނީ ވިދާޅުވެފަ އެވެ. މި ހުށަހެޅުމުގެ ދަށުން، އޭޕްރީލް މަހުގެ ކުރީކޮޅު ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރު 60 ދުވަހަށް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ މަގްސަދަކީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ބޭނުންވާ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާކުރާ ފަރާތްތަކަށް ފުރުސަތު ދިނުމެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ފެށި މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އީރާނާއި ލުބުނާނުގެ ރައްޔިތުންނެވެ. މީގެ އިތުރުން، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ހަކަތައިގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދަށްވެސް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.
މިހާރު އިންޑިއާއަށް ދާ ދިވެހިން ސެލްފް ޑެކްލަރޭޝަން ފުރަން ޖެހޭ
އީރާނާއި އެމެރިކާގެ އެއްބަސްވުން ޓްރަމްޕްގެ ހުއްދައަށް ފޮނުވައިފި
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޕްރޮގްރާމެއް