އީރާނުން އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލައިފި ނަމަ ނޫނީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ލުޔެއް ނުދޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ރޫބިއޯ ވަނީ، މަރުހަލާތަކަކަށް ބަހާލައިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން އިގްތިސާދީ ލުއިތަކެއް ހޯދުމަށް ތެހެރާނުން ކުރަމުންދާ ޑިމާންޑްތަކަށް އިންކާރު ކުރައްވާފަ އެވެ.

ރޫބިއޯ ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ އެ ގައުމުން ޔުރޭނިއަމް މުއްސަނދިކޮށް، ނިއުކްލިއާ ހަރަކާތްތައް ހިންގަމުންދާތީ އެވެ. އެހެންކަމުން، އެ ކަންކަން ހުއްޓާލުމަށް އެއްބަސްވެއްޖެ ނަމަ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް ނުވަތަ އެކަމަށް ހަރުކަށި އަދި ދިގު މުއްދަތުގެ ހުރަސްތަކެއް ކުރިމަތިކުރުމަށް މަޝްވަރާކޮށް އެއްބަސްވާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޫބިއޯ އިތުރަށް ވިދާޅުވީ، މީގެ ކުރިން މަޝްވަރާކުރަން އީރާނުން ބޭނުން ނުވި ނިއުކްލިއާ ޕްރޮގްރާމުގެ ބައެއް ކަންކަމާ މެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. މިއާ ހިލާފަށް، އީރާނުން މިދިޔަ ހުކުރު ދުވަހު ބުނެފައި ވަނީ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.

ރޫބިއޯ ގެ މި ވާހަކަތަކުން ދޭހަވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދަންމާލުމަށްޓަކައި އީރާނުން އެދެމުންދާ، ފްރީޒްކޮށްފައިވާ ބިލިއަނުން ގުނާލެވޭ ޑޮލަރުތައް ދޫކޮށްލުމާ އެމެރިކާ އަދި ގާތް ވެސް ނުވާ ކަމެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސެކްރެޓަރީ އަލީ ބާގޭރީ ކަނީ މިދިޔަ ހަފުތާގައި ވިދާޅުވީ އެ ފައިސާ ދޫކުރުމަކީ އީރާނު ރައްޔިތުންގެ ގާނޫނީ ހައްގެއް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ ކޮންމެ އެއްބަސްވުމެއްގައި އިގްތިސާދީ ލުއިތައް ހިމެނެންޖެހޭނެ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރޫބިއޯ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އޭނާ ވިދާޅުވީ، ކަނޑުއޮޅި މިހާރު އޮތީ ހުޅުވިފައި ކަމަށާއި އެއްވެސް ފީއެއް ނުނަގާނެ ކަމަށް އީރާނުން ސާފުކޮށް އިއުލާން ކުރަން ޖެހޭނެ ކަމަށެވެ. އަދި އީރާނުން އެ ސަރަހައްދުގައި ވަޅުލާފައިވާ މައިންތައް ނެގުމަށް އެމެރިކާއިން އެހީތެރިވާނެ ކަމަށާއި، އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ ބެހޭ އދ. ގެ މުއާހަދާ ބުނާގޮތުން، ގައުމުތަކުގެ ސަރަހައްދީ ކަނޑުގެ ބާރު ހިނގާނީ އައްސޭރިފަށުން ފެށިގެން 12 ނޯޓިކަލް މޭލަށެވެ. ހޮރްމުޒް ކަނޑުއޮޅީގެ އެންމެ ހަނި ހިސާބުގައި ހުންނަނީ އެންމެ 21 ނޯޓިކަލް މޭލެވެ. މި ސަރަހައްދު ހިއްސާކުރަނީ އީރާނާއި އޮމާނުންނެވެ. ބައިނަލްއަގުވާމީ ކަނޑުއޮޅިތަކުގެ އައްސޭރިފަށުގައިވާ ގައުމުތަކަށް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ހުއްޓުވުމާއި ފީ ނެގުން މަނާވާނެ އެވެ. ނަމަވެސް، ގާނޫނީ މާހިރުން ބުނާގޮތުގައި، އޮމާނުގެ އެއްބާރުލުން ލިބިއްޖެ ނަމަ ޕައިލެޓިން ފީ ނުވަތަ ހިދުމަތުގެ ފީ ފަދަ ނަންނަމުގައި ފީ ނެގުމުގެ ފުރުސަތު އީރާނަށް އެބައޮތެވެ.

ހަނގުރާމަ ފެށުނުއިރު ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނު ހިންގަނީ ކޮން ބައެއްކަން ސާފުނުވާތީ ތެހެރާނާއެކު މަޝްވަރާކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އިޒްރޭލުން ވަނީ ހަނގުރާމައިގެ ކުރީކޮޅު އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފަ އެވެ. އަދި އޭގެ ފަހުން، މީގެ ކުރިން ހުޅަނގާ އެކު މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ގައުމީ ސަލާމަތާ ބެހޭ މުޝީރު އަލީ ލާރިޖާނީ ފަދަ އިސްވެރިން ވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.

އީރާނުގެ އާ ސުޕްރީމް ލީޑަރު، އާޔަތުﷲ މުޖްތަބާ ޚާމަނާއީއަށް، އޭނާގެ އާއިލާގެ ގިނަ ބަޔަކު މަރުވި އިޒްރޭލުގެ ހަމަލާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ މިހާރު މަޝްވަރާ ކުރާ ފަރާތްތަކާ މުއާމަލާތް ކުރައްވަނީ ސިއްރު މެސެޖިން ނިޒާމެއް މެދުވެރިކޮށް ކަމަށްވެ އެވެ. ހަނގުރާމަ ފެށުނު ފަހުން އޭނާ އާންމުންގެ ތެރެއަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް، ރޫބިއޯ ވިދާޅުވީ މަޝްވަރާތަކުގައި ސްޕްރީމް ލީޑަރުގެ ދައުރު މިހާރު ބޮޑުވަމުންދާ ކަމުގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށެވެ.