އީރާނުގެ ގޭޝްމް އައިލެންޑަށް އެމެރިކާއިން އާ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި، އީރާނުން ކުވެއިތާއި ބަހްރޭނަށް އަމާޒުކޮށް ހަމަލާތަކެއް ދީފި އެވެ. މިއީ ސަރަހައްދީ ސުލްހައިގެ މަޝްވަރާތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު އީރާނުގެ ގޭޝްމް އައިލެންޑަށް އަމިއްލަ ދިފާއުގައި ހަމަލާތަކެއް ދީފައިވަނީ، މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް އީރާނުން ދޭން އުޅުނު ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ސެންޓްކޮމް އިން 'އެކްސް' މެދުވެރިކޮށް ބުނެފައިވާ ގޮތުގައި، އީރާނުން އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލި ނަމަވެސް، އެއިން އެއްވެސް މިސައިލެއް އަމާޒަށް ވާސިލުވެފައެއް ނުވެއެވެ. ކުވެއިތަށް ފޮނުވާލި ދެ މިސައިލެއް އަމާޒަށް ނުފޯރައި މަގުމަތިން ވެއްޓިފައިވާއިރު، ބަހްރޭނަށް އަމާޒުކޮށް ފޮނުވާލި ތިން މިސައިލެއް އެމެރިކާ އާއި ބަހްރޭނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފަ އެވެ. މި ހަމަލާތަކުގައި އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނާ ގޮތުގައި، ކުވެއިތަށް ދިން ހަމަލާތަކަކީ އެމެރިކާއިން ގޭޝްމް އައިލެންޑަށް ދިން ލަދުކުޑަ އަދި ފާޅުކަން ބޮޑު އުދުވާނީ ހަމަލާތަކުގެ ރައްދެކެވެ. އީރާނުން ބުނާ ގޮތުގައި އެގައުމުން ވަނީ ކުވެއިތަށް މަދުވެގެން 10 ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ. އަދި މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން، އީރާނާ ގުޅުން އޮތް ތެޔޮ ޓޭންކަރަކަށް އެމެރިކާއިން ހަމަލާދިން ކަމަށް ބުނެ، އޭގެ ބަދަލުހިފުމުގެ ގޮތުން ހޮރްމުޒް ކަނޑުއޮޅި ކައިރިން ދަތުރުކުރި 'ޕަނާޔާ' ނަމަކަށް ކިޔާ ބޯޓަކަށްވެސް އީރާނުން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ބަހްރޭނުގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ މައި މަރުކަޒަށް ހަމަލާދިން ކަމަށް އީރާނުން ބުނާ ބުނުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދޮގުކޮށްފަ އެވެ.

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތައް މެދުކަނޑާލާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް، މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް އީރާނުގެ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް، އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް ކުރިއަށްދާނަމަ، މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.

ބެއިރޫތަށް އިޒްރޭލުގެ ސިފައިން ނާރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލުބްނާނުގެ ދެކުނަށް ދެމުންދާ ހަމަލާތައް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ދެ ބޭފުޅުންގެ މެދުގައި ދެކެވުނު ފޯނު ކޯލް ވަނީ ވަރަށް ހޫނުވެފަ އެވެ.