މިދިޔަ އަހަރު ދިޔަ އަހަރު ރާއްޖޭގައި 36.2 ބިލިއަން ރުފިޔާގެ ޗެކް ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ބުނީ، މިހާރަކަށް އައިސް ޗެކުން ކުރާ މުއާމަލާތްތަށް އިތުރުވެފައިވާ ކަމަށެވެ. ޗެކް ކްލިއަކުރުމުގެ ހިދުމަތަށް ޒަމާނީ ބަދަލުތަކެއް އައިސްފައި ވަނީ 2017 ވަނަ އަހަރު އެވެ. ކުރިން މެނުއަލްކޮށް ކުރަމުން އައި ޗެކް ކްލިއާކުރުމުގެ މަސައްކަތް، 2017 ވަނަ އަހަރުން ފެށިގެން ކުރަނީ އިލެކްޓްރޯނިކް ނިޒާމަކުންނެވެ.

ޕޭމަންޓް ސިސްޓަމް ރާއްޖޭގައި ތަރައްގީކޮށް ބޭންކިން ހިދުމަތްތައް ރައްކާތެރި އަދި އަވަސް ނިޒާމެއްގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި އެ ބަދަލާއެކު ހިދުމަތް އަވަސްވެ ރައްކާތެރިކަން ބޮޑު ވެގެން ދިޔަ އެވެ.

ބޭންކިން ހިދުމަތްތައް އަވަސްކޮށް ފަސޭހަ ކުރުމަށްޓަކައި އެމްއެމްއޭ އިން މިހާރު ގެންދަނީ އާ ޕޭމަންޓް ސިސްޓަމް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕޭމަންޓު ސިސްޓަމް މިއަހަރު ތެރޭގައި ބޭނުން ކުރެވެން ފެށޭނެ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވަނީ ވިދާޅުވެފައި އެވެ.