މ. ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮނޑި، ހައިކޯޓުގެ ހުކުމަކާއެކު ޕީއެންސީ ކެންޑިޑޭޓަކަށް ލިބުނު ހުކުމް ބާތިލުކުރަން އިލެކްޝަންސް ކޮމިޝަނުން ވެސް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

އިންތިހާބުތައް ބޭއްވުމުގެ ގާނޫނީ ޒިންމާ އުފުލާ އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އެދުނީ، ހައިކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ. މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލާފަ އެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ބެންޗުން އިއުލާންކުރެއްވި ގޮތުގައި، އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލައިގެ ބޮޑު ހުކުމް އިއްވު މެވެ.

މިއީ އިންތިހާބީ ނިންމުމަކުން، ރައްޔިތުން ވޯޓުން ނިންމި ނިންމުމެއް މުޅިން ފުރޮޅާލުމުން އުފެދުނު ގާނޫނީ ބަހުސެކެވެ. ވޭވަށު ކައުންސިލް އިންތިހާބުގެ ފުރަތަމަ ނަތީޖާއިން 121 ވޯޓާއެކު ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ އަހްސަން އެވެ. ޕީއެންސީގެ މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. ނަމަވެސް ހައިކޯޓުގެ ބެންޗުގެ އައުލަބިއްޔަތުން ނިންމީ އަހްސަންއަށް ލިބުނު ވޯޓުތަކުގެ ތެރެއިން 3 ވޯޓެއް ބާތިލުކޮށް، ގޮނޑި ޕީއެންސީއަށް ދޭށެވެ.

މި ނިންމުން ނިންމެވި ހައިކޯޓުގެ ބެންޗުގައި، ކުރިން ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެއްވި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އައުލަބިއްޔަތު ދެއްވިއިރު، ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔަކީ ނަތީޖާއަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ، ކޯޓުން އެދޭނަމަ ވޯޓު ކަރުދާސްތައް ސީދާ ބެންޗަށް ހުށަހަޅަން ތައްޔާރަށް އޮތްކަން ހާމަކޮށް، ހައިކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް ރަސްމީކޮށް އެދިފަ އެވެ. އީސީން ކުރިން ވެސް ވަނީ ޝަކުވާއަކާ ގުޅިގެން ވޭވަށު ވޯޓު އަލުން ގުނާފަ އެވެ. އެ ފަހަރު ކޮންމެ ކެންޑިޑޭޓެއްގެ ވޯޓަކުން ވޯޓެއް މަދުވި ނަމަވެސް، އިންތިޚާބުގެ އަސްލު ނަތީޖާއަކަށް ބަދަލެއް ނާދެ އެވެ. އެހެންކަމުން

އިލެކްޝަންސް ކޮމިޝަނާއި އެމްޑީޕީން ހައިކޯޓުގެ ހުކުމް ބާތިލުކުރަން އެދެމުންދާއިރު، ޕީއެންސީގެ ކެންޑިޑޭޓް އެދެނީ ހައިކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.