މިއަދުގެ ޑިޖިޓަލް ދުނިޔޭގައި އަހަރެމެންނަށް މާއްދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ހުރިހާ ފަސޭހަތަކެއް ލިބިފައިވީ ނަމަވެސް ގިނަ ބައެއްގެ ހިތްތަކުގައި ފުން ފަޅުކަމަކާއި ނުތަނަވަސްކަމެއް ދަނީ އުފެދެމުންނެވެ.
ހާވަޑް ޔުނިވަރސިޓީގެ ޕްރޮފެސަރު އަދި މަޝްހޫރު މުސައްނިފު އާތާ ސީ. ބްރޫކްސް އޭނާގެ އާ ފޮތް "ދަ މީނިންގް އޮފް ޔުއަރ ލައިފް" އާ ގުޅުވައިގެން ލިޔެފައިވާ ގޮތުގައި މި މައްސަލަ ދިމާވަނީ އަހަރެމެންގެ ދިރިއުޅުން ޓެކްނޮލޮޖީގެ ވަސީލަތްތަކުން ފުރާލުމުގެ ސަބަބުން ސިކުނޑީގެ ވިސްނުމަށް އައި ބަދަލު ތަކަކުންނެވެ.
ބްރޫކްސް ބަޔާންކުރާ ގޮތުގައި، ކުރީގެ ޒަމާންތަކުގައި އިންސާނުންނަށް ދިރިއުޅުމުގެ މަގުސަދު ހޯދުމަކީ "އޮޓޮމެޓިކް" ކަމަކަށް ވީ ނަމަވެސް، މިއަދުގެ ސްމާޓްފޯނާއި ސޯޝަލް މީޑިއާގެ ޒަމާނުގައި އެކަން ވަނީ އުނދަގޫ ކަމަކަށް ވެފަ އެވެ.
މި ހުސްކަމުން ސަލާމަތްވެ، ދިރިއުޅުމުގެ ހަގީގީ މާނަ ހޯދުމަށްޓަކައި ބްރޫކްސް ވަނީ ހާއްސަ 6 އުސޫލެއް ހިއްސާ ކޮށްފަ އެވެ.
1. ޓެކްނޮލޮޖީ ބޭނުންކުރުމުގައި ރައްކާތެރިވުން
ސީދާ ބައްދަލުވެގެން ކުރަންޖެހޭ ކަންކަމުގެ ބަދަލުގައި (މިސާލަކަށް ރައްޓެހިންނާ ބައްދަލުކުރުން) ބޭނުންކުރާ ޓެކްނޮލޮޖީއަކީ ހަށިގަނޑަށް ނުރައްކާތެރި މަސްތުވާއެއްޗެއް ފަދައިން ދެކެން ޖެހެ އެވެ. މިފަދަ ވަސީލަތްތައް ބޭނުން ކުރަން ވާނީ ވަރަށް ބޮޑަށް ބަލައިގެން އަމިއްލަ ކޮންޓްރޯލްގެ ދަށުންނެވެ.
2. އަމިއްލަ ނަފްސަށް އެކަނި ވިސްނުން ހުއްޓާލުން
މީހާގެ ސަމާލުކަން ހަމައެކަނި އަމިއްލަ ސިފައަށާއި އަގަށާއި މަގުބޫލު ކަމަށް ހުއްޓުވާލާ ކޮންމެ ކަމަކުން ދުރު ވާށެވެ. ސޯޝަލް މީޑިއާގެ ލައިކްސް އާއި ވިއުސް އަކީ އިންސާނާގެ ސިކުނޑިއަށް ވިހަ އެކެވެ. އޭގެ ބަދަލުގައި އަނެކުންނަށް އެހީތެރިވުމަށް އިސްކަން ދޭށެވެ.
3. ލޯބިވުމުގައި "ރިސްކު" ނެގުން
ހަގީގީ ދިރިއުޅުމުގައި މީހުންދެކެ ލޯބިވުމަށާއި ގާތް ގުޅުންތައް ބޭއްވުމަށް ބިރު ގަންނަނަމަ އޭގެ މާނައަކީ އަމިއްލަ ހިތުގެ އިހުސާސް ތަކާއެކު ރިސްކު ނަގަންޖެހޭ ވަގުތު އައިސްފި ކަމެވެ. ޑިޖިޓަލް ގުޅުން ތަކަށްވުރެ ހަގީގީ އިންސާނީ ގުޅުންތައް މާ މުހިއްމެވެ.
4. ރޫހާނީ ކަންކަމަށް ވަގުތު ހުސް ކުރުން
މާއްދީ ކަންކަމާއި ދުނިޔަވީ އަވަދިނެތިކަމުގެ ސަބަބުން ހިތުގެ ހަމަޖެހުމާއި ރޫހާނީ ކަންކަމަށް ހުރަސް އެޅޭނަމަ، ދިރިއުޅުމުގެ ވަގުތުތަކާއި އިސްކަންދޭ ކަންކަން އަލުން ތަރުތީބު ކުރަން ޖެހެ އެވެ. ދީނީ އަޅުކަމާއި ތަގުވާވެރި ކަމަށް ވަގުތު ދޭށެވެ.
5. ވަޒީފާއަކީ އަމިއްލަ ކަމެއް ކަމުގައި ހެދުން
ކިތަންމެ ބޮޑު މުސާރައެއް ލިބުނު ނަމަވެސް ކުރާ މަސައްކަތަކީ އަމިއްލަ ނަފްސަށް ހިތްހަމަޖެހުންދޭ، އަދި ދިރިއުޅުމުގެ މަގުސަދާ ގުޅިފައިވާ ކަމެއް ކަމުގައި ނުވާނަމަ އެ ވަޒީފާއަކުން ވަކިވުމަށް މަގުތައް ހޯދަން ފަށާށެވެ.
6. ފޯނާ ނުލައި ގުދުރަތީ ރީތިކަން ތަޖުރިބާ ކުރުން
ދިރިއުޅުމުން ގުދުރަތީ ރީތިކަން މަދުވެ އްޖެނަމަ، ވަގުތުން ބޭރަށް ނިކުމެ ކުދިކުދި ގުދުރަތީ މަންޒަރު ތަކުން ހިތްހަމަ ޖެހުން ހޯދާށެވެ. އެކަމަކު ހަނދާން ބަހައްޓަންވީ ކަމަކީ މިގޮތަށް ނިކުންނައިރު އަތް ދަބަހުގައި ނުވަތަ ޖީބުގައި ފޯނު އޮވެގެން ނުވާނެ އެވެ.
"ހެނދުނު ހޭލައިގެން ލޯގަނޑުން އަމިއްލަ ސިފަ ބަލާއިރު ބުނާށެވެ. މިއަދު އަހަންނަށް ކުރިމަތިވާނެ އިމްތިހާންތަކަކީ އަހަރެން ދިރިއުޅުން ފުރިހަމައަށް ވޭތުކުރާކަމުގެ ހެކި ތަކެކެވެ." – އާތާ ބްރޫކްސް
ނިންމާލަމުން ބްރޫކްސް ބުނެފައިވަނީ މި އުސޫލުތަކަށް އުޅެން ފެށުމުން ފުރަތަމަ ކޮޅު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. ނަމަވެސް މިއީ ދިގު މުއްދަތުގައި ހަގީގީ އުފާވެރިކަމާއި ދިރިއުޅުމުގެ މާނަ ހޯދުމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ދަތުރެކެވެ.