މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، ނިއުޔޯކުގެ މަޝްހޫރު "މެޑިސަން ސްކޮއާ ގާޑަން" (އެމް.އެސް.ޖީ) ގައި ދިން ކޮންސާޓެއްގެ ތެރެއިން، އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ކައިވެންޏަށް އިޝާރާތްކޮށް ޖޯކު ޖަހައިފި އެވެ.

މިދިޔަ ހަފުތާ ބަންދުގައި އެމް.އެސް.ޖީ ގައި ކުރިއަށްދިޔަ ކޮންސެޓުގެ ތެރެއިން ވާހަކަ ދައްކަމުން ހެރީ ބުނީ، މިއީ މަޝްހޫރު ބާސްކެޓްބޯޅަ ޓީމު ނިއުޔޯކް ނިކްސްގެ އަމާޒު ހުންނަ ތަން ކަމަށާއި، "އަދި މީގެ އިތުރުން މިތާ ކައިވެނިތައްވެސް ކުރިއަށް ގެންދާ" ކަމަށެވެ. އޭނާގެ މި ވާހަކައާއެކު އެ ތަނުގައި ތިބި ސަޕޯޓަރުންގެ ހުނުމުގެ އަޑުން ތަން ގުގުމާލި އެވެ.

މި ވާހަކައަކީ ސީދާ ޓޭލާ ސްވިފްޓްގެ ނަން ނުގަނެ ދެއްކި ނަމަވެސް، އެއީ މިއަހަރުގެ ޖުލައި މަހު ޓޭލާ ސްވިފްޓާއި އެމެރިކަން ފުޓުބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީ ކައިވެނިކުރި ތަން ކަމަށް ވުމުން، ގިނަ ބަޔަކަށް މިއީ ޓޭލާގެ ކައިވެންޏަށް ކުރި މަޖާ އިޝާރާތެއްކަން ވަނީ އެނގިފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ޓޭލަރގެ ކައިވެންޏަށް ހެރީ ސްޓައިލްސްއަށް ދައުވަތު ލިބުނު ނަމަވެސް، އޭނާގެ މިއުޒިކް ޓުއާގެ މަސައްކަތް ހުރުމުން އެ އެ ކައިވެންޏަށް ގޮސްފައެއް ނުވެ އެވެ.

ނަމަވެސް ހެރީގެ ފަރާތުން މިފަދަ ލުއި ޖޯކެއް ޖެހުމުން ސަޕޯޓަރުން ދަނީ ސޯޝަލް މީޑީއާގައި މިކަމަށް ތަފާތު ހިޔާލުތައް ފާޅު ކުރަމުންނެވެ.