ފްރެންޗް ޕޮލިނޭޝިއާއަށް ޒިއާރަތްކުރާ ގިނަ ފަތުރުވެރިން އާއްމުކޮށް ހިޔާރު ކުރަނީ ބޮޑެތި ކްރޫޒް ލައިނާ ތަކުގައި ދަތުރު ކުރުމެވެ. ނަމަވެސް، ދިރިއުޅުމުގެ ބާރު ދުވެލިން ކުޑަކޮށް ބޭރުވެ ހިތްހަމަޖެހުމާއެކު ދަތުރެއް ކޮށްލަން ބޭނުންވާ މީހަކަށް "މުރެއާ" އަށްވުރެ ވަކިން ސަޅި ރަށެއް ނޯންނާނެ އެވެ. މިއީ ތަފާތު "ރޯޑް ޓްރިޕެއް" ތަޖުރިބާ ކޮށްލަން ރަނގަޅު ރަށެކެވެ!

މި ރަށުގެ މުޅި ވަށައިގެން އޮންނަނީ އެންމެ 60 ކިލޯމީޓަރުގެ އައްސޭރިފަށުގެ މަގެކެވެ. ސައިކަލެއް ނުވަތަ ކުޑަ ކާރެއް ކުއްޔަށް ހިފައިގެން ހަމަޖެހިލައިގެން ހަމައެކަނި ހަފްތާ ބަންދެއްގެ ތެރޭގައި މި ރަށް އެއްކޮށް ބަލާލެވިދާނެ އެވެ.

ފްރާންސްގެ މޮރެއާ

މަގުގެ އެއްފަރާތުން ފެންނަން އޮންނާނީ ނޫކުލަ ގަދަ ކަނޑާއި ފަރުތަކާއި ރުއްތަކެވެ. އަނެއް ފަރާތުން ފެންނާނީ ފެހިކަން ގަދަ އުސް ފަރުބަދަ ތަކެވެ.

މަގުމަތިން ފެންނާނެ އެންމެ ރީތި މަންޒަރުތައް

މުރެއާގެ މަގުތަކުން ދަތުރު ކުރާއިރު މަގުތައް ފަރުމާ ވެފައިވަނީ ކަނޑުގެ އައްސޭރިއަށް ފެތޭ ގޮތަށެވެ. މި ދަތުރުގައި ކޮންމެހެން މަޑުކޮ ށްލަންޖެހޭ ބައެއް ތަންތަނުގެ ތެރޭގައި:

  • ޓުއަޓެއާ ބެލްވެޑިއާ: މިތަނަށް މަޑުކޮށްލުމުން ފަރުމަތީގައި ހަދާފައިވާ ރިސޯޓްތަކުގެ ކޮޓަރިތަކާއި ބިއްލޫރިކޮޅެއް ފަދަ ސާފު ފަޅުގެ ރީތިކަން މަތިން ތިރިއަށް ރީތިކޮށް ފެންނާނެ އެވެ.
  • ކުކްސް ބޭ އަދި އޮޕިއުނޯހޫ ބޭ: މިއީ ރަށުގެ އެތެރެއަށް ކަނޑު ހެދިފައިވާ ދެ ކޮޅެވެ. މި ދެ ކޮޅަށް ވަދެގެން ދާއިރު ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ "ޝާކްސް ޓޫތު" (މިޔަރު ދަތް) ސިފަވާ ފަރުބަދަތަކުން މުޅި މަންޒަރު ފުރިހަމަކޮށްދެ އެވެ.
ފްރާންސްގެ މޮރެއާ
  • އެންޝަންޓް މަރާއޭ: މިއީ ކުރީގެ ޒަމާނުގައި ޕޮލިނޭޝިއާގެ މީހުން އަޅުކަން ކުރުމަށާއި މުހިއްރު އިޖުތިމާއީ ކަންކަމަށް ބޭނުންކުރި އާސާރީ ގާބިންގާ އެވެ. ބިޔަ ގަސްތަކުގެ ހިޔަލުގައި ހުންނަ މި ތަންތަނުން އެ ސަރަހައްދުގެ ދުވަސްވީ ތާރީހު ހަނދާން ކޮށްދެ އެވެ.

ބޮރާ ބޮރާއާ އަޅާބަލާއިރު މުރެއާ އަކީ ހަރަދު ކުޑަ، އަދި މާ ސާދާ ދިރިއުޅުމެއް ފެންނަން އޮތް އަސްލު ޕޮލިނޭޝިއާގެ ސަގާފަތް އިހުސާސް ކޮށްލެވޭނެ ރަށެކެވެ.

ފްރާންސްގެ މޮރެއާ

ކެއުމާއި ސަގާފަތް

މަގުމަތިން ދާއިރު ކުދިކުދި މޭވާ ފިހާރަތަކުން ތާޒާ ކަނޑާފައި ހުންނަ އަލަނާސި ލިބެން ހުރެ އެވެ. މުރެއާގެ އަލަނާސިއަކީ ދުނިޔޭގެ އެންމެ ފޮނި އެއް އަލަނާސި ކަމަށް ބުނެ ވެއެވެ. އަދި އެ ސަރަހައްދުގެ ހާއްޞަ ކެއުމެއް ކަމަށްވާ "ޕުއާސަން ކްރޫ" އެވެ. މިއީ ތާޒާ ކަނޑުމަސް، ލުނބޯޖޫސް އަދި ކާށިކިރު އަޅައިގެން ތައްޔާރުކުރާ ރޯމަހުގެ ސަލަޑެކެވެ. މިއީ ދިވެހިންގެ ރަހަތަކާވެސް ވަރަށް ގާތްކުރާ ކެއުމެކެވެ.

ދަތުރު ރާވާލަން ބޭނުންވާ ފަރާތްތަކަށް

ތަހިޓީގެ ވެރިރަށް ޕަޕީޓޭ އިން ފެރީއެއްގައި އެންމެ 30 ނުވަތަ 45 މިނެޓުން މުރެއާއަށް ދެވޭނެ އެވެ. ވީކެންޑެއްގެ ކުރު ދަތުރަކަށް ނުވަތަ ހަފުތާއެއްގެ ދިގު ޗުއްޓީއަކަށް ވިޔަސް މުރެއާ އަކީ ހަށިގަނޑާއި ސިކުނޑިއަށް ބޮޑު ހަމަޖެހުމެއް ހޯދައިދޭނެ ފާހަގަ ކޮށްލެވޭ ފަދަ ތަފާތު ތަޖުރިބާއެއް ކުރެވޭނެ މަންޒިލެކެވެ.