ގާނޫނާއި ގަަވައިދާ ހިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމާލަތްކޮށް، އަމިއްލަ އެކައުންޓުތަކުގައި ތިން އަހަރު ތެރޭ 54 މިލިއަން ރުފިޔާއާއި 1.6 މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއެއް ފުލުހުންނާއި އިމިގްރޭޝަނުން ހޯދައިފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނާއި ގަަވައިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމާލަތް ކުރާ މީހުން ދެނެގަތުމަށް އެކުލަވައިލައިފައިވާ ޓާސްކްފޯސްއިން ހަ ބިދޭސިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެެވެ.
މިހާތަނަށް ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ތެރޭގައި އެ މީހުންގެ އެކައުންޓުތަކުގައި ޖުމުލަ 54.4 މިލިއަން ރުފިޔާއާއި 1.63 މިލިއަން ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންނަކީ ހުއްދަ ދީފައިވާ މަސައްކަތްކުރުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ބައެއްއްކަން ދެނެގަނެވިފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ހަ މީހުންނަކީ:
- މުހައްމަދު ރާހުލް އަމީން، ބަންގްލަދޭޝް [ވަޒީފާ: އެކައުންޓެންޓް]
- މަސްއޫދު މިއާ، ބަންގްލަދޭޝް [ވަޒީފާ: ވެއިޓަރު]
- އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް [ވަޒީފާ: ޑްރައިވަރު]
- ދުލްކަރުނައި އިމްރާން ޚާން، އިންޑިއާ [ވަޒީފާ: އިންޖިނިއަރު]
- މުހައްމަދު އަސަތު ކަަލަންދަރު ހުސައިން، އިންޑިއާ [ވަޒީފާ: ސޭލްސްޕާސަން]
- މުހައްމަދު މަހަމުދުރު ހަސަން، ބަންގްލަދޭޝް [ވަޒީފާ: ސާފުކުރުން]
ފުލުހުން ބުނީ، ގާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މީހުންގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާ ޚިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތްކުރުމަށް އެ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މުއައްސަސާއިން ވަނީ އެއްވެސް މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ބަޔަކު ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ މީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ. އެހެންވެ، ގާނޫނާ ޚިލާފު އަމަލުތައް ހިންގުމަށް އެއްވެސް މީހަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
ގަވާއިދާ ހިލާފަށް ޔުނިފޯމް އެލަވަންސް ދިން މައްސަލައެއް
ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސަށް
