ބޮލީވުޑްގެ މަޝްހޫރު ފިލްމު "އާޝިގީ"ގެ ތަރި ރާހުލް ރޯއީއަށް 2020 ވަނަ އަހަރު ޖެހުނު ސިކުނޑީގެ ސްޓްރޯކްއަށްފަހު އޭނާގެ ސިއްހީ ހާލަތާއި ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކައިފި އެވެ.

ކާރްގިލްގައި ފިލްމެއް ޝޫޓު ކުރަމުން ދަނިކޮށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރިމަތިވި އެ ހާދިސާއާ ގުޅިގެން، އޭނާއަށް އަލުން ހިނގާބިނގާވެ ނުވަތަ ވާހަކަ ދައްކާ އުޅެވިދާނެ ކަމާމެދު ވެސް ޝައްކު އުފެދުނު ކަމަށް އޭނާ ހާމަ ކޮށްފައިވެ އެވެ.

"ސިކުނޑިއަށް ލޭގެ ސްޓްރޯކެއް ޖެހުމުގެ އެ ހާދިސާއަށްފަހު އަހަންނަށް އަލުން ހިނގޭނެ ކަމެއް ނުވަތަ ވާހަކަ ދެއްކޭނެ ކަމެއްވެސް ނޭނގޭ" މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރާހުލް ކިޔައިދިނެވެ.

މި ތަޖުރިބާއަށްފަހު އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެ އެވެ. ކުރިން ވަރަށް ގިނައިން ދުންފަތުގެ އިސްތިއުމާލުކޮށް އެކި ބާވަތްތަކުގެ މަހުގެ ކެއުންތަކަށް ލޯބިކުރި ނަމަވެސް، މިހާރު އޭނާވަނީ މުޅިން 'ވީގަން' އަކަށް ބަދަލުވެފަ އެވެ.

މީގެ އިތުރުން ސިއްހަތު ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާއަށްފަހު 8 ބޭސް ކަަމުންދާ ކަމަށް އޭނާ ފާހަގަކުރި އެވެ.

އެގޮތުގެ މަތިން އޭނާގެ ހާލަތު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން ރަނގަޅު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ސިއްހީ ގޮންޖެހުންތަކާއެކު ވެސް ރާހުލް މިހާރު ވަނީ މަޑުމަޑުން ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން ފަށާފަ އެވެ. އެގޮތުން ކުރިއަށް އޮތް 'ސުޕާ ބަދުޝާހް' ސީރީޒްގައި އޭނާ ފެނިގެންދާނެ އެވެ.