އެމެރިކާއާއި އީރާނާ ދެމެދު ގަލްފު ސަރަހައްދުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިނގައި، މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެއްޖެ އެވެ. އެމެރިކާއިން އީރާނުގެ ރާޑަރު މަރުކަޒުތަކަކަށް ހަމަލާދިނުމާ ގުޅިގެން، އޭގެ ރައްދުގައި ކުވައިތާއި ބަހްރައިންގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތަކެއް އީރާނުން ވަނީ މިއަދު ދީފަ އެވެ.

މި ކުރިމަތިލުންތަކާ އެކުވެސް ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ބުނާއިރު، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ސުލްހައިގެ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅި ކައިރިން އީރާނުގެ ހަތަރު ޑްރޯން ވައްޓާލާފައިވާ ކަމަށާއި، އީރާނުގެ އައްސޭރިފަށުގެ ރާޑަރު މަރުކަޒުތަކަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން މިއަދު ވަނީ ބުނެފަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި، ގެޝްމް އައިލެންޑާއި ގޯރޫކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ރައްދުގައި، ކުވައިތާއި ބަހްރައިންގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް ވަނީ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި އީރާނުން ކުވައިތާއި ބަހްރައިނަށް ހަތް މިސައިލް ފޮނުވާލި ނަމަވެސް، އޭގެ ތެރެއިން އެއްވެސް މިސައިލެއް އަމާޒަށް ވާސިލުވެފައެއް ނުވެއެވެ.

ކުވައިތުން ވަނީ އެ ގައުމަށް އަމާޒުވި މިސައިލްތަކާއި ޑްރޯންތައް ދިފާއީ ނިޒާމުގެ އެހީގައި ހުއްޓުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ބަހްރައިނުން ވަނީ ވައިގެ މަގުން ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް އާންމުކޮށް އިންޒާރު ނެރެފަ އެވެ.

އީރާނާއެކު ކުރެވޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ފަހުގެ އެއްބަސްވުމަކަށް އައުމަށް އަދި ވަގުތު ނަގާނެ ކަމަށް އޭނާ ފަހުން ވަނީ ވިދާޅުވެފަ އެވެ. އީރާނުގެ ހިފަހައްޓާފައިވާ ފައިސާތަކުގެ ބައެއް ވަގުތުން ދޫކޮށްލުމަށް އެ ގައުމުގެ އޮފިޝަލުން އެދެމުންދާއިރު، ނިއުކްލިއާ މައްސަލައާ ގުޅޭ މަޝްވަރާތައް ފަސްކުރުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަސްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާ މަސްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އަންނާނެ ކަމުގެ ބިރު ބޮޑުވެ، ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު 100 ޑޮލަރާ ވަނީ ގާތްކޮށްފަ އެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން ސަރަހައްދުގެ ގައުމުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.