އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ނުކުންނެވީ ޕާޓީ ހިންގުމުގެ މެނިފެސްޓޯއަކާ އެކު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މީކާއީލްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީކާއީލް އިންތިޚާބަށް ނުކުމެވަޑައިގަންނަވަނީ ޕާޓީ ހިންގުމަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ހިމެނޭ ފުރިހަމަ މެނިފެސްޓޯއަކާއެކުގައި ކަމަށެވެ. މިއީ މީކާއީލްއަށް ތާއީދުކުރައްވާ އެއް ސަބަބުކަން ފާހަގަކުރައްވައި، މިކަމާމެދު ފުންކޮށް ވިސްނުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ. އަދި ޗެއާޕާސަންގެ މަގާމަކީ ހަމަހަމަ ފުރުސަތު ދީގެން ޕާޓީ ހިންގަން ދަންނަ، އެންމެން ގޮވައިގެން އުޅެވޭނެ ފަރާތަކަށް ދޭންޖެހޭ މަގާމެއްކަމަށް ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބު ގެއްލިގެން ދިޔަ ގޮތާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ އެ އިންތިޚާބުގެ ނަތީޖާގެ ސަބަބުން ބިކަވެގެން ދިޔައީ ހަމައެކަނި އެމްޑީޕީ ނޫން ކަމަށާއި، އޭގެ ގެއްލުން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރުމަށްޓަކައި، ގައުމު ތަރައްގީކުރުމުގެ ވިސްނުން ހުރި އެންމެންނަށް މަރުހަބާ ކިޔަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެކަނި ވަކި ބަޔަކު އެކަހެރިވެ ތިބެގެން ކާމިޔާބީއާ ހަމައަށް ނުދެވޭނެކަމަށާއި، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަކީ ޗެއާޕާސަންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތުކަމަށް ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ވެރިކަމުގައި ކޯލިޝަނާއެކު މަސައްކަތްކުރެއްވުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ވެރިކަން ކުރިއަށްގެންދެވީ ޕާޓީތަކާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. މިއަދުވެސް ޕާޓީގެ ފަރާތުން އެފަދަ މުހިންމު ލިޔުންތަކުގައި ސޮއިކުރަންޖެހޭނީ އިތުބާރު ހުރި ފަރާތަކުން ކަމަށާއި، މީކާއީލްއަކީ އެ އިތުބާރު އޮތް، ޕާޓީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގާބިލުކަން ހުރި ބޭފުޅެއްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
ޝާހްރުކް ޚާން މިފަހަރު ފެނުނީ މުޅިން ތަފާތުކޮށް!
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
