މި ސަރުކާރުން ހުޅުވައިލި ބޯހިޔާވަހިކަމުގެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ރެއަށް ހަމަވާއިރު، އެ ފުރުސަތު ދެން އިތުރުނުކާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު ކަމަށްވާ "އެންމެންނަށް ބޯހިޔާވަހިކަން" ސްކީމުގެ ދަށުން ފުލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު މާދަމާ ރޭ 11:59 އަށް ހަމަވާނެ އެވެ. މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ މީގެ ކުރިން ދެތިން ފަހަރެއްގެ މަތިން ސުންގަޑި ފަސްކޮށްދިނުމަށް ފަހެވެ.
މި މަޝްރޫއުގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މާރިޗު މަހުގެ ކުރީކޮޅުގަ އެވެ. އަދި ފުލެޓަށް ކުރިމަތިލާން އޭޕްރީލް މަހުގެ މެދުތެރޭގައި ހުޅުވާލި ފުރުސަތު ވެސް މިހާރު މިވަނީ ނިމުމަކާ ގާތްވެފަ އެވެ.
މި ބޯހިޔާވަހިކަމުގެ ސްކީމަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ހޯދައިދިނުމަށް ރޭވިފައިވާ ބިޔަ މަޝްރޫއެކެވެ. މީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 7,900 ފުލެޓާއި 1,250 އަކަފޫޓުގެ ޖުމްލަ 15,000 ގޯއްޗެވެ.
މި ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން އެއް ބަޔަކީ މާލޭގެ ރަށްވެހިންނަށް ހާއްސަ ކުރެވިފައިވާ ބައެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދުގެ އިތުރުން އަލަށް ހިއްކާ ރަސްމާލޭންނެވެ. ދެވަނަ ބަޔަކީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ހާއްސަ ކުރެވިފައިވާ ބައެކެވެ. މި ކެޓެގަރީގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލޭންނެވެ.
މިނިސްޓްރީން ބުނިގޮތުގައި، ފޯމު ހުށަހެޅުމުގެ މުއްދަތު ދެން އެއްވެސް ހާލެއްގައި އިތުރު ނުކުރާނެތީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކުން ސުންގަޑީގެ ކުރިން ފޯމުތައް ފުރިހަމަކޮށް ހުށަހެޅުމަކީ ނުހަނު މުހިންމު ކަމެކެވެ.
ވައިޓް ހައުސްއަށް އެރިއާނާގެ ވަރުގަދަ އިންޒާރެއް!
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި
ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް