މެޗުގެ ފަހު ވަގުތުގައި އަމަދު ދިއާލޯ ޖެހި ލަނޑާއެކު ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އީގައި މިއަދު އިކުއެޑޯ އަތުން 1-0 އިން މޮޅުވެ، އައިވަރީ ކޯސްޓް ފެށުން ރަނގަޅުކޮށްފި އެވެ.

އަދި މި މުބާރާތުގެ ގުރޫޕް އެފްގައި މިއަދު ހެނދުނު ޓިއުނީޝިއާ އަތުން 5-1 އިން މޮޅުވެ، ސްވިޑަންވެސް މުބާރާތް ފެށީ މޮޅަކާއެކު އެވެ.

އެމެރިކާގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެން ދަނިކޮށް، އަމަދު ޖެހި ލަނޑާއެކު އިކުއެޑޯއިން ބަލިނުވެ، ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހަށް ދަމަހައްޓަމުންދިޔަ 19 މެޗުގެ ރެކޯޑް ވަނީ ނިމިފަ އެވެ.

ރޭގެ މެޗަށް އައިވަރީ ކޯސްޓްއިން ނެރުނު ފުރަތަމަ 11ގައި އަމަދު ނުހިމެނުމަކީ ލިބުނު ހައިރާންކަމެކެވެ. އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައިި، މެޗުގެ ފަހު މިނިޓުގައި އަމަދު ވަނީ ހިތްގައިމު ލަނޑެއް ޖަހައި، ޓީމަށް އޭނާގެ މުހިންމުކަން ސާބިތުކޮށްދީފަ އެވެ.

ބާރަ އަަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕްގައި ވާދަކުރާ އައިވަރީ ކޯސްޓަށް މި މެޗުން ލިބުނީ މުހިންމު ތިން ޕޮއިންޓެވެ. އަދި މި ގުރޫޕުން ދެވަަނަ ބުރަށް ދިއުމަށް އެ ޓީމުން ކުރަމުންދާ އުންމީދު ވަނީ އާވެފަ އެވެ.

ގުރޫޕް އެފްގައި މިއަދު ސްވިޑަން ފަސޭހަކަމާއެކު ޓިއުނީޝިއާ އަތުން މޮޅުވިއިރު އެ ޓީމުގެ މުހިންމު ދެ ތަރިން ކަމަށްވާ ވިކްޓާ ގިޔޮކެރޭސް އާއި އެލެކްޒަންޑާ އައިސަކް ވަނީ ލަނޑު ޖަހައިފަ އެވެ. ސްވިޑަންގެ ޔާސީން އަޔާރީ މި މެޗުގައި ދެ ލަނޑުޖެހިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މެޓިއަސް ސްވަންބާގްވެސް ވަނީ ލަނޑު ޖަހައިފަ އެވެ. ސްވެންބާގް ލަނޑު ޖެހީ ކުޅެންއެރިތާ 12 ސިކުންތުގެ ތެރޭގަ އެވެ. އެހެންކަމުން، އޭނާއަކީ ވޯލްޑް ކަޕެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، އެންމެ އަވަހަށް ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

މި މެޗުގައި ސްވިޑަންއަށް ދެ ލަނޑު ޖެހި އަޔާރީ ،22، އަކީ 1990ގެ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން، ސްވިޑަންގެ ގައުމީ ޓީމަށް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އެވެ.

ޓިއުނީޝިއާއަށް މި މެޗުގައި ލަނޑު ޖަހައިދިނީ އޮމާރް ރެކިކް އެވެ.