އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވައިލެވޭ އޮނިގަނޑު އެއްބަސްވުމުގައި، އީރާނަށް އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި 300 ބިލިއަން ޑޮލަރުގެ އަމިއްލަ ފަންޑެއް ހިމެނޭ ކަމަށާއި، އެ ފައިސާގެ ބޮޑުބައެއް މިހާރުވެސް ހަމަޖެހިފައިވާ ކަމަށް މި މުއާމަލާތުގެ މައުލޫމާތު އެނގޭ ފަރާތަކާ ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން އެ ފަރާތުން ބުނި ގޮތުގައި، މި ފަންޑުގެ މައިގަނޑު މަގުސަދަކީ ދެ ގައުމަށްވެސް އިގްތިސާދީ މަންފާތަކެއް ލިބޭނެ މަގު ފަހިކޮށްދީ، ފައިނަލް އެއްބަސްވުމަކަށް ދިއުމަށް ބާރުއެޅުމެވެ. މި މަޝްރޫއާ ބެހޭ ތަފްސީލުތައް އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވަނީ، އަންނަ ހުކުރު ދުވަހު ވޮޝިންޓަނާއި ތެހެރާނުން އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާތީ އެވެ.

އެމެރިކާ އާއި އީރާނުގެ އޮފިޝަލުން އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުގެ ސިފައިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ހުއްޓާލުމަށާއި، އީރާނަށް ދަތިކުރުމަށް އަޅާފައިވާ ބްލޮކޭޑް އުވާލުމަށާއި، ދުނިޔޭގެ ތެލާއި ގޭސް ސަޕްލައިކުރާ މައިގަނޑު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވަނީ އެއްބަސްވެފަ އެވެ.

މި އާ ފަންޑަކީ އަމިއްލަ އިންވެސްޓްމަންޓްތަކަށް ހާއްސަ ފަންޑެކެވެ. މިއީ ހަނގުރާމައިގެ ބަދަލު ދިނުމުގެ ނުވަތަ އަލުން އާބާދުކުރުމުގެ ސަރުކާރުގެ ޕްރޮގްރާމެއް ނޫން ކަމަށާއި، މީގައި ސަރުކާރުގެ އެއްވެސް ފައިސާއެއް ނުވަތަ ހިލޭ އެހީއެއް ނުހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ބަދަލުގައި، އެމެރިކާ، ގަލްފުގެ އަރަބި ގައުމުތައް، އޭޝިއާ، ދެކުނު އެމެރިކާ އަދި އެފްރިކާގެ ކުންފުނިތަކުން ފައިސާ އިންވެސްޓްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. މި އިންވެސްޓްމަންޓްތައް އަމާޒުކުރެވިފައިވަނީ ހަކަތަ، ލޮޖިސްޓިކްސް، އުފެއްދުންތެރިކަން އަދި ދަތުރުފަތުރުގެ ދާއިރާއަށެވެ.

އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި، ހަނގުރާމައިގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާގެ ކިބައިން 400 ބިލިއަން ޑޮލަރު ހޯދުމަށް އީރާނުން ކުރިން އެދުނެވެ. ނަމަވެސް އެމެރިކާ އިން އެކަމަށް އިންކާރު ކުރުމުން، "ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ފަންޑް" ގެ ނަމުގައި މި ފަންޑު އުފެއްދުމުގެ ހިޔާލު އުފެދުނެވެ.

މި ނިޒާމުގެ ދަށުން ސަރަހައްދީ ގައުމުތަކުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ލޯނު ދިނުމާއި، ކްރެޑިޓް ލައިންތައް ގާއިމުކުރުމާއި، ހަނގުރާމައިގައި ގެއްލުން ލިބުނު މުބާރަކާ ސްޓީލް ކޮމްޕްލެކްސް، ރިފައިނަރީތައް، އެއާޕޯޓްތައް އަދި އުމްރާނީ ވަސީލަތްތައް މަރާމާތުކުރުމަށް ސީދާ ފައިސާގެ އެހީ ދިނުން ހިމެނެއެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ އީރާނަށް، އެމެރިކާ އާއި ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވޭތުވެދިޔަ 40 އަހަރު ދުވަހު ބޭރުގެ އިންވެސްޓްމަންޓްތައް ލިބިފައެއް ނުވެއެވެ. އީރާނަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ގޭސް ރިޒާވް އަދި ހަތަރުވަނައަށް އެންމެ ބޮޑު ތެޔޮ ރިޒާވް އޮތް ގައުމެވެ. މީގެ އިތުރުން 92 މިލިއަނަށްވުރެ ގިނަ ތައުލީމީ ޒުވާން އާބާދީއެއް އޮތް މި ގައުމުގައި، ޕެޓްރޯކެމިކަލްސް، މައިނިން، ފަތުރުވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއެރުމުގެ ބޮޑެތި ފުރުސަތުތައް އެބައޮތެވެ.

މި އިންވެސްޓްމަންޓް ފަންޑަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ބޭރުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކާ މުޅިން ވަކި ކަމެއް ކަމަށް އޮފިޝަލުން ބުނެއެވެ. ފަންޑު އަމަލީ ގޮތުން ހިނގަން ފަށާނީ ފައިނަލް އެއްބަސްވުމަކަށް އާދެވުމުންނެވެ. ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މި މަސައްކަތް ބައްޓަންކުރުމަށްޓަކައި އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވޭނެއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީއާއި، މި މުއާމަލާތުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު ވަނީ ނައިބު ރައީސް ޖޭޑީ ވެންސް ސީބީއެސް އަށް ދެއްވި އިންޓަވިއުއަކަށް އިޝާރާތް ކުރައްވާފަ އެވެ. އެ އިންޓަވިއުގައި އޭނާ ވިދާޅުވީ، އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލައި، އެމެރިކާގެ ޝަރުތުތަކަށް އެއްބަސްވެއްޖެ ނަމަ، ގަލްފު ގައުމުތަކުގެ އެހީގައި ހިންގާ 300 ބިލިއަން ޑޮލަރުގެ ފަންޑުގެ ބޭނުން ހިފޭނެ ކަމަށެވެ.

މި ފަންޑު ހިންގާނީ ކޮން ބައެއްކަން އަދި ކަނޑަނޭޅޭ ކަމަށާއި، ދެކުނު ކޮރެއާ، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ އަދި އެމެރިކާގެ ކުންފުނިތަކުން އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. މި 60 ދުވަހުގެ މުއްދަތަކީ ނިއުކްލިއާ މައްސަލައާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ މުއްދަތެކެވެ.