މަތީ ގްރޭޑްތަކުގެ ކުދިން ނިދާ ގަޑި ލަސްވުމާއި، ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު މަދުވުމާ ގުޅުން އެބަހުރި ކަމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާއާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވީ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިދިޔަ ބުރާސްފަތި ދުވަހު އެ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ ދެއްކެވި ވާހަކައިގަ އެވެ.
ސްކޫލަށް ނާންނަ ކުދިންގެ އަދަދު އިތުރުވާތީ އެކަމުގެ އަސްލު ސަބަބުތައް ދެނެގަތުމަށް ހެދި މި ދިރާސާ ބިނާކޮށްފައި ވަނީ މާލޭގެ އިތުރުން ކ، އއ، އަދި ހދ އަތޮޅުގެ ސްކޫލްތަކުން ގްރޭޑް 9 އާއި 10 ގެ ދަރިވަރުންނާ ކުރި އިންޓަވިއުތަކުން އެއްކުރި ޑާޓާތަކުގެ މައްޗަށެވެ.
އެ ދިރާސާއިން ހާމަވި މުހިންމު ހޯދުންތަކުގެ ތެރޭގައި ނިދާ ގަޑި އާދަޔާ ހިލާފަށް ލަސްވުން ހިމެނެ އެވެ. އެގޮތުން މަތީ ގްރޭޑްތަކުގެ އުމުރުފުރައިގެ ކުދިން އާންމުކޮށް ނިދަން އާދަވެފައި ވަނީ މެންދަމުން އަލިވެ 1:30 އާއި، 2:30 އާއި، 3:30 ގެ އިތުރުން ފަތިހު 4:00 ޖަހާއިރު އެވެ. މިއީ ސިއްހީ މާހިރުން ބޮޑެތި މީހުންނަށްވެސް އިރުޝާދު ދޭ ގަޑިތަކަށްވުރެ މާ ލަސް ގަޑިތަކެކެވެ.
ރޭގަނޑުގެ ނިދި މަދުވުމުގެ ސަބަބުން ހެނދުނު ހޭލާއިރު ކުދިންގެ ބަނޑު ގޯސްވުމާއި، މޫޑު ހަރާބުވުމާއި، ބޮލުގައި ރިހުން ފަދަ ޖިސްމާނީ އުނދަގޫތައް މެދުވެރިވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސްކޫލަށް ހާޒިރުވުމަށް ކުދިން އުޒުރުވެރިވެ އެވެ. ހަމައެއާއެކު ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ނިދި ހަމަނުވުމުން ކުލާސްރޫމުގައި ސަމާލުކަން ދިނުން ކުޑަވެ، ހޯމްވޯކް ފަދަ ތައުލީމީ ޒިންމާތައް ފުރިހަމަކުރަން ދަތިވެ އެވެ. އަދި މިކަމުގެ ސަބަބުން ޓީޗަރުންނާ މެދު ހިތްހަމަނުޖެހުން އުފެދޭ ގޮތް މެދުވެރިވެ އެވެ.
ޑރ. ޝާފިޔާގެ ވާހަކައިގައި، ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި ދިރިއުޅުމުގެ އާދަތައް ބައްޓަންކުރަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ވަގުތާއި ހަށިގަނޑުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ކީރިތި ރަސޫލާގެ އިރުޝާދުތަކުން އިބުރަތް ހާސިލްކުރުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ.
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
އީރާނުން ކަނޑުއޮޅި ބަންދު ނުކުރާ ކަމަށް އެމެރިކާއިން ބުނެފި
"ބޮޑު ބަދަލު" އޮފީސް އުފައްދައިފި